ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
2024 ވަނަ އަހަރު 9 ބަނދަރެއްގެ މަސައްކަތް ނިންމާފައިވާ ކަމަށާއި، މިވަގުތު 52 ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރިޔާސީ ބަޔާނުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ރަށްގިރުމުގެ މައްސަލަ އެންމެ ބޮޑަށް ދިމާވެފައިވާ ރަށްތަކަށް އަވަސް ހައްލުތަކެއް ހޯދައި، މިއަހަރުގެ ތެރޭގައި ފުޅާ ދާއިރާއެއްގައި ނަތީޖާ ނެރެވިގެންދާނެ ކަމަށެވެ. މިގޮތުން 57 ރަށެއްގައި ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ މަޝްރޫޢުތައް މިއަހަރު ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި ސަރުކާރު އައިއިރު ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން ފެނުގެ ޚިދުމަތް ލިބެނީ 86 ރަށަށެވެ. އަދި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވެމުންދަނީ 99 ރަށަށެވެ. ނަމަވެސް މިވީ 1 އަހަރާއި 2 މަސްދުވަހުގެ ތެރޭގައި އިތުރު 45 ރަށެއްގެ ފެނުގެ ޚިދުމަތާއި 40 ރަށެއްގެ ނަރުދަމާގެ ޚިދުމަތް ޤާއިމްކޮށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
ފެނާއި ނަރުދަމާގެ ޚިދުމަތް 2026 ގެ ކުރިން ހުރިހާ ރަށަކަށް
ރައީސް މުޢިއްޒު ވިދާޅުވީ ފެނުގެ ޚިދުމަތް ނުލިބި އޮތް 56 ރަށާއި ނަރުދަމާގެ ޚިދުމަތް ނުލިބި އޮތް 45 ރަށުގެ މަސައްކަތް ކުރިއަށް އޮތް 2 އަހަރު ތެރޭ މުޅިން ނިންމައި، 2026 ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.
ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތައް
"5 މިލިއަން ގަސް މަޝްރޫޢު" ގެ ދަށުން ފާއިތުވި އަހަރު 450,000 ގަސް އިންދާފައިވާ ކަމަށާއި، 4.2 މިލިއަން ގަސް އިންދުމަށް އެކިއެކި ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި އިއާދަކުރަނިވި ހަކަތައިގެ 33 އިންސައްތައިގެ ޓާގެޓަށް ވާސިލުވުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މިގޮތުން އިރުގެ އަލިން 15 މެގަވޮޓްގެ ކަރަންޓު އުފައްދާ ނިޒާމު ފާއިތުވި އަހަރު އިތުރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ބަނދަރުތަކުގެ މަސައްކަތް
2024 ވަނަ އަހަރު 9 ބަނދަރެއްގެ މަސައްކަތް ނިންމާފައިވާ ކަމަށާއި، މިވަގުތު 52 ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި ބައެއް ރަށްރަށުގެ ބަނދަރު ބޮޑުކުރަން ޖެހިފައިވާތީ، ސަރުކާރުގެ ބަޖެޓުން ޖާގަ ލިބޭ މިންވަރަކުން މި ކަންކަން ހައްލުކުރުމުގެ މަސައްކަތް މިއަހަރުވެސް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.
ކޮމެންޓް