މަސްވެރިންނަށް ބީއެމްއެލްއިން ލޯނު ދޫކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

މަސްވެރިންނަށް ލޯނާއި ކްރެޑިޓް ކާޑު ދޫކުރުމަށް އެއްބަސްވުމުގައި ސޮއިކުރުން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މަސްވެރިންނަށް ލޯނާއި، ކްރެޑިޓް ކާޑު ދޫކުރާ ގޮތަށް ފިޝަރީޒް މިނިސްޓްރީ އާއި ބީއެމްއެލް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ.

ބީއެމްއެލް އިން ބުނީ މި އެއްބަސްވުމުގެ ދަށުން، މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް އެ މީހުންގެ އާމްދަނީއަށް ބިނާކޮށް ޕާސަނަލް ފައިނޭންސިން ކްރެޑިޓް ކާޑު ދޫކުރާނެކަމަށެވެ. އަދި މީގެ އިތުރުން ގެދޮރު ގަތުމާއި އިމާރާތްކުރުމާއި މަރާމާތު ކުރުން ފަދަ އެކި ބޭނުންތަކަށް ކްރެޑިޓް ފެސިލިޓީ ލިބިގެންދާނެ ކަމަށެވެ. އަދި މި އިންތިޒާމުގެ ދަށުން ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އިކުއިޓީއާ ނުލައި 300,000 ރުފިޔާއާ ހަމައަށް ޕާސަނަލް ފައިނޭންސިން ނެގޭނެކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާއެކު އާމްދަނީއަށް ރިއާޔަތްކޮށް އަނބުރާ ފައިސާ ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއް އެ ބޭންކުން ހަމަޖައްސައިދޭނެ ކަން ފާހަގަކޮށް ބީއެމްއެލް އިން ބުނީ މިއީ މިފަދަ ނިންމުމެއް އެ ބޭންކުން ނިންމާ ފުރަތަމަ ފަހަރުކަމަށެވެ.

ބީއެމްއެލް އިންޓަނެޓް ބޭންކިން ނުވަތަ މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ކޮންމެ ތަނަކުން ވެސް ޕާސަނަލް ފައިނޭންސިން އަދި ލުއި ލޯނަށް އެދި ހުށަހެޅޭނެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.