މާލޭގަ މި އަހަރު ކަރަންޓު އެންމެ ގިނައިން ބޭނުންކުރީ މިދިޔަ ބުރާސްފަތީގައި

ސްޓެލްކޯ

މާލެ ސަރަހައްދުގައި މި އަހަރުގެ މިހާތަނަށް ކަރަންޓު އެންމެ ގިނައިން ބޭނުންކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ލިޔުއްވައި، ކަރަންޓު ބޭނުންކުރުމުގައި ސަމާލުވުމަށް، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އިލްތިމާސްކުރައްވައިފިއެވެ.

'އެކްސް'ގައި ފަހުމީ ލިޔުއްވިގޮތުގައި، މި ދުވަސްވަރަކީ ރާއްޖެ އަށް ހޫނު ދުވަސްވަރަކަށް ވުމާ އެކު، އިހުސާސްކުރެވޭ ހޫނުމިން މަތިވަމުން ގޮސްފައިވެއެވެ. ވުމާއެކު، ކަރަންޓު ބޭނުންކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުން މުހިންމުކަމުގައި އޭނާ ލިޔުއްވާފައި ވެއެވެ.

"ހާއްސަކޮށް އޭސީ ފަދަ ތަކެތި ބޭނުންކުރާއިރު، އޭގެ ފިނިކަން 25 ޑިގްރީއަށްވުރެ ދަށް ނުކުރުމަށާއި، ކޮންމެހެން ބޭނުންވާ މިންވަރަށް މެނުވީ ކަރަންޓު ބޭނުން ނުކުރުމަށް އިލްތިމާސް ކުރަން،" ފަހުމީގެ ޕޯސްޓުގައި ވެއެވެ.

ފަހުމީގެ ޕޯސްޓުގައި އާންމުކުރެއްވި ތަފާސްހިސާބުތަކުގައިވާ ގޮތުން:

މާލޭގައި މި އަހަރު ކަރަންޓު އެންމެ ގިނައިން ބޭނުންކުރީ މިދިޔަ ބުރާސްފަތި ދުވަހު

އެ ދުވަހު މެންދުރުފަހު 3 ޖެހިއިރު އެހާތަނަށް 114 މެގަވޮޓްގެ ކަރަންޓު ބޭނުންކުރި

މިއަދު މެންދުރު 1 ޖެހިއިރު މާލޭގެ ލޯޑު ހުރީ 111 މެގަވޮޓްގައި

އެހެންކަމުން ކަރަންޓު ބޭނުންކުރުމުގައި ސަމާލުވެ، ފަރުދީގޮތުން ކަރަންޓު އިގްތިސޯދުކުރުމަށް މަސައްކަތްކުރުމަކީ މުޖުތަމައަށާއި އަމިއްލަ މަންފާއަށް ކުރެވޭ މުހިންމު ކަމެއް ކަން ފާހަގަކުރައްވައި، ފަހުމީ ވަނީ ކަރަންޓުގެ ބޭނުން ހެޔޮ ގޮތުގައި ކޮށް އިސްރާފު ނުކުރުމަށް އާންމުންނަށް އިލްތިމާސްކުރައްވައިފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި ދުވަސްވަރު އާންމު ގޮތެއްގައި ހޫނު ގަދަވަނީ މެންދުރު 12 އާއި 2 އާ ދޭތެރޭގައެވެ. އާންމު ގޮތެއްގައި ރާއްޖެއަށް އެންމެ ހޫނު ގަދަ ވަނީ ކޮންމެ އަހަރެއްގައި ވެސް މާޗު މަހާއި އޮގަސްޓް މަހާ ދޭތެރޭގައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.