އާދަމް ނަސީރު
އާސާރީ ތަންތަން ބެލެހެއްޓުމަށް ކުރީ ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާ ކަމަށް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތުގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސެއިން ވަނީ ފުވައްމުލަކުގައި ހުރި އާސާރީ ތަންތަން ދިރާސާކޮށް ބެލެހެއްޓުމަށް ކުރީ ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާއި މި ސަރުކާރުން ކުރި އަދި ކުރަން ނިންމާފައިވާ މަސައްކަތްތަކާއި ގުޅޭ ގޮތުން ސުވާލު ކުރައްވާފަ އެވެ.
މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން އާދަމް ނަސީރު ވިދާޅުވީ ފުވައްމުލަކާއި ބައެއް ރަށްރަށުގައި ހުރި އާސާރީ ތަންތަނަށް މިދިޔަ ސަރުކާރުން އިންގިލާބީ ބަދަލެއް ގެނެވިފައިނުވާ ކަމަށެވެ.
"އިންގިލާބީ އެއްވެސް ބަދަލެއް ގެނެވިފައެއް ނުވޭ. ދެމެހެއްޓިފައެއްވެސް ނުވޭ. ދުވަސްވީ މިސްކިތްތައް މަރާމާތު ކުރެވިފައެއްވެސް ނުވޭ. އަދި މަރާމާތު ކުރުމުގައި އެ ބޭފުޅުން އެދިވަޑައިގަތީމާ ދެވިފައިވާ ލަފާގެ ސަބަބުން ނޭދެވޭ ނަތީޖާތައްވެސް ނިކުމެފަ އެބަހުރި،" އާދަމް ނަސީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ތަނުގެ އަސްލު ނުގެއްލޭ ގޮތަށް އަދި ދެމެހެއްޓެނިވި ގޮތެއްގައި ތަރިކަ ރައްކާތެރިކުރުން ކަމަށެވެ.
ކޮމެންޓް