ޖަރުމަނުން ޖަޕާނާ ދެކޮޅަށް ކުޅުނު މެޗު ފެށުމުގެ ކުރިން އަނގަމަތީގައި އަތް އަޅައިގެން
ގަތަރު ވޯލްޑް ކަޕް 2022 ގައި ސިޔާސީ ކަންތައްތަކުގެ ތެރެއަށް ވަދެވުނީ ގޯހަކުން ކަމަށާއި އެފަހަރު ކުރެވުނު ކަންތައްތަކަށް "ރިގްރެޓް" ކުރާ ކަމަށް ޖަރުމަނުގެ ކެޕްޓަން ޖޯޝުއާ ކިމިކް ބުނެފިއެވެ.
ގަތަރު ވޯލްޑް ކަޕްގައި ފީފާގެ އުސޫލުތަކާއި ވޯލްޑް ކަޕް ބާއްވާ ގައުމުގެ ގާނޫނުތަކާއި އާދަކާދަތައް މުގުރާލައި ޔޫރަޕުގެ އަށް ޓީމެއްގެ ކެޕްޓަނުން އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދިނުމަށް "ވަންލަވް" ކެޕްޓަން ބޭންޑު އަޅަން ފުރަތަމަ ނިންމާފައިވީ ނަމަވެސް، އެ ބޭންޑް އަޅާ ކެޕްޓަނުންނަށް ކާޑު ދެއްކުން ފަދަ މެޗުތެރޭގެ އަދަބުތައް ދޭނެ ކަމަށް ބުނުމުން، އެކަން ނުކުރަން އެ ހުރިހާ ގައުމަކުންވެސް ފަހުން ނިންމިއެވެ.
ފީފާގެ އެ ނިންމުމާ އެކު އެކަމާ ދެކޮޅަށް އަަޑު އުފުލައި، ފީފާއަށް އެހެން ނުބުނެވޭނެ ކަމަށް ބުނެ، ޖަރުމަނުން ވަނީ ޓީމު ފޮޓޯގައި އަނގަމަތީގައި އަތް އަޅައިފައެވެ.
ގަތަރަށް ގޮން ޖަހަން އެފަހަރު ޖަރުމަނުން ކުރި ކަންތައްތަކުގެ ސަބަބުން ނުތަވަސްކަން ބޮޑުވެ، ޓީމުގެ ނަތީޖާއަށް ވެސް އެކަމުގެ އަސަރު ކުރިއެވެ. އެގޮތަށް ކަންތައް ކުރި މެޗުގައި ވެސް ޖަރުމަނު ވަނީ ޖަޕާނު ކައިރިން ބަލިވެފައެވެ.
"އަހަރެންވެސް ގަބޫލުކުރަން ކުޅުންތެރިންނާ އެކު ކެޕްޓަނެއްގެ ގޮތުގައި އަބަދު ވެސް ހުންނަން ޖެހޭނީ ޓީމެއްގެ ވެލިއުސްތައް ހިފަހައްޓާނެ ކުޅުންތެރިއެއްކަން. އެހެންވިޔަސް، އަހަރެމެންގެ ޒިންމާއެއް ނޫން އެއީ ސިޔާސީ ކަންކަމާ ބެހި، އެކަންކަން ފާޅުކުރުމަކީ،" ކިމިކް ބުންޏެވެ.
"ގަތަރުގައި އަހަރެމެން ކަންތައް ކުރި ގޮތުން ޓީމެއްގެ ގޮތުގައި އަހަރެމެންނަށް ލިބުނީ ފުރައްސާރަ. އަހަރެމެންނަށް މުބާރާތުގައި ކުޅެގެން ލިބެން އޮތް ހިތްހަމަ ޖެހުން ގެއްލިގެން ދިޔައީ. ގަތަރު ވޯލްޑް ކަޕްގެ އިންތިޒާމުތައް ފުރިހަމަ. އެކަމަކު އަހަރެމެންނަށް އެ ކުރެވުނު ކަންތަކާ ރިގްރެޓް ކުރަން،" ކިމިކް އިތުރަށް ބުންޏެވެ.
ކިމިކް ބުނީ ހުޅަނގުގެ ގައުމުތަކުން އަމިއްލައަށް ވިސްނަން ޖެހޭ ކަންތައްތައް އެބަހުރި ކަމަށާއި މުޅި ދުނިޔެއަށް އަމާޒުކޮށް ބަދުބަސް ބުނުމުގެ ކުރިން އެކަންކަމާ ވެސް ވިސްނާލަން ޖެހޭ ކަމަށެވެ.
ކޮމެންޓް