ހދ. އަތޮޅުގައި ޓޫރިޒަމް ތަރައްގީކުރަން ހާއްސަ ޕްރޮގްރާމެއް

ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް އާއި ރައީސުލްޖުމްހޫރިއްޔާ

ހދ. އަތޮޅާއި ތ. އަތޮޅުގައި ޓޫރިޒަމް ކުރިއެރުވުމަށް އިސްކަންދީގެން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ މަސައްކަތް އަންނަ މަހުގެ ކުރީކޮޅު ފެށާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ތޯރިގު ވިދާޅުވީ މިވަގުތު ރާއްޖޭގައި އެންމެ ރިސޯޓެއް އޮތް ދެ އަތޮޅަކީ ހދ. އަތޮޅާއި ތ. އަތޮޅު ކަމަށެވެ. އެހެންކަމުން އެ ދެ އަތޮޅުގައި ޓޫރިޒަމް ތަރައްީކުރުމަށް އިސްކަންދީގެން މަސައްކަތްތަކެއް ކުރިއަށް ގެންދާނެ ކަމުގައި ވިދާޅުވި އެވެ.

"ހދ. އަތޮޅަށް ހާއްސަކޮށްގެން ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓަރުން ހޯދުމަށް އަޅުގަނޑުމެން އަންނަ މަހުގެ ކުރީކޮޅު ފުރުސަތު ހުޅުވާލާނެ. މި ޕްރޮގްރާމުގެ ދަށުން އިންވެސްޓަރުންނަށް ހާއްސަ އިންސެންޓިވްތަކެއް ލިބިދެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ތޯރިގު ވިދާޅުވީ ތ. އަތޮޅަކީވެސް އެންމެ ރިސޯޓެއް އޮތް އަތޮޅަކަށް ވާތީ އިތުރު "އިންސެންޓިވްސް" ދީގެން އެ އަތޮޅުގައިވެސް ފަތުރުވެރިކަން ތަރައްގީކުރުމަށް ހާއްސަ ފުރުސަތުތަކެއް ހުޅުވާލެވޭނެ ކަމަށެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް ގއ. އަދި ގދ. އަތޮޅުގައިވެސް ޓޫރިޒަމް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފަތުރުވެރިކަން ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. ވައުދާ އެއްގޮތަށް މަސައްކަތްކުރުމަށްޓަކައި ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނައި ބައެއް އިސްލާހުތައް ރައީސް މުއިއްޒު ވަނީ މިދިޔަ ބުދަ ދުވަހު ތަސްދީގުވެސް ކުރައްވާފަ އެވެ.

ގާނޫނަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތަކުގެ އިހްތިސާސްގައި ހިމެނޭ ފަޅުރަށްރަށާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރެވޭނެ އުސޫލުތަކެއް ހިމެނެ އެވެ. އަދި ރިސޯޓްތައް ރީ-ޑިވެލޮޕްކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، ޓޫރިސްޓް ހިދުމަތްދޭ ތަންތަނުގެ ސަލާމަތީ އަދި ހިންގުމުގެ މިންގަނޑުތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭ އިސްލާހުތަކެއް ހިމެނެ އެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.