މަސްވެރި ސިނާއަތް ތަރައްގީކުރުމަށް އިފާޑުގެ އެހީތެރިކަން ބޭނުންވާ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

ވަޒީރު ޝިޔާމް އިފާޑްގެ ކަންޓްރީ ޑިރެކްޓަރާއެކު

އިފާޑުން މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އިފާޑު) ގެ ކަންޓްރީ ޑިރެކްޓަރ ޝެރީނާ ތަބައްސުމްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ މަސްވެރި ސިނާއަތް ތަރައްގީކުރުމަށް އިފާޑުގެ އެހީތެރިކަން ބޭނުންވާ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

ބައްދަލުވުމުގައި ވަޒީރު ޝިޔާމް، އިފާޑުން މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސްވެރިކަން ތަރައްޤީކުރުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން މެރިކަލްޗަރ ދާއިރާ ތަރައްގީ ކުރުމަށް ގެންގުޅުއްވާ ވިސްނުންފުޅު ހިއްސާކުރެއްވިއެވެ. މީގެ އިތުރުން، މެރިކަލްޗަރ ތަރައްގީ ކުރުމަށް ވުޒާރާއިން ކުރަމުންދާ މަސައްކަތްތައްވެސް ވަޒީރު ހިއްސާކުރެއްވިއެވެ.

ވަޒީރު ޝިޔާމް ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ތެރެއިން މަސް ޕްރޮސެސްކުރުމުގައި އަންހެނުންގެ ދައުރު ފާހަގަކުރައްވާ، އެ ފަރާތްތަކަށް އެހީ ބޭނުންވާ ދާއިރާތަށް ހިއްސާކުރައްވާފައެވެ.

އިފާޑުގެ ކަންޓްރީ ޑިރެކްޓަރ ޝެރީނާ ތަބައްސުމް ވެސް ދިވެހި ސަރުކާރާއެކު އޮތް ގާތް ގުޅުމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް އެހީތެރިވުމަށް ވުޒާރާއާ ގުޅިގެން މަސައްކަތްކުރާނެ ކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ އިސްފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.