ކަޅު ތެޔޮ ޖެހީ ސަރުކާރުގެ ދޯދިޔާ ސިޔާސަތުތަކަށް ކިޔާތީ : ސޯލިހް

ކުރީޣެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވަނީ

އެމްޑީޕީގެ އެކްޓިވިސްޓް އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ) ގެ ގަޔަށް ބަޔަކު ކަޅުތެޔޮ ޖެހި މައްސަލަ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކުށްވެރިކުރައްވައިފިއެވެ.

ރޭ އެމްޑީޕީގެ އިހްތިޖާޖު ނިންމުމަށް ފަހު މަންދީ، ގެއަށް ދިޔަ މަގުމަތީގައި ހެލްމެޓް އަޅާ އަދި މާސްކް އަޅައިގެން ތިބި ބަޔަކުވަނީ އޭނާ އަށް ފާރަލަމުން ގޮސް މަޖީދީ މަގުން އޭނާގެ ގަޔަށް ކަޅުތެޔޮ ފުޅިއެއްޖަހާފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން މަންދީގެ ގަޔަށް ކަޅުތެޔޮޖެހުމަށް ބޭނުންކުރި ފުޅި ފުލުހުން ގެންދާ މަންޒަރު ފެނެއެވެ. އަދި މަންދީގެ މޫނާއި އިސްތަށިގަނޑަށް ކަޅު ތެލުގެ އަސަރުކޮށްފައިވާއިރު އޭނާ ދުއްވި ސައިކަލަށް ވެސް ވަނީ ތެލުގެ އަސަރުކޮށްފައެވެ.

މަންދީ ގަޔަށް ކަޅު ތެޔޮޖެހުމާއި ގުޅިގެން ސޯލިހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީގެ އިސް ހިދުމަތްތެރިއެއް ކަމަށްވާ މަންދީ ޒުބައިރަށް ބިރުދައްކައި ކަޅުތެޔޮޖަހައި ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. މި ފިނޑި އަމަލަކީ ރައްޔިތުންގެ އަޑު ކަނޑުވާލައި ސަރުކާރުގެ ދޯދިޔާ ސިޔާސަތުތަކަށް ފާޑުކިޔާ އެންމެންނަށް ބިރުދެއްކުމަށް ކުރި އަމަލެއްގެ ގޮތުގައި ސޯލިހް ވަނީ ސިފަކުރައްވާފައެވެ. އަދި މިކަހަލަ ބިރުދެއްކުމާއި ފިއްތުންތަކަށް އެމްޑީޕީ ނުސިހޭނެ ކަމަށާއި ރައްޔިތުންގެ ހައްގުގައި އެމްޑީޕީން ކުރިއަށް ގެންދާ ސުލްހަވެރި ސިޔާސީ ހަރަކާތްތައް ފަހަތަށް ނުޖެހި ކުރިއަށް ދާނެކަމަށް ސޯލިހް ވިދާޅުވިއެވެ.

މަންދީ ގެ ގަޔަށް ކަޅުތެޔޮ ޖެހި މި ހާދިސާ ހިނގާފައި މި ވަނީ، އެމްޑީޕީން ސިލްސިލާކޮށް މާލޭގައި ކުރާ މުޒާހަރާތަކުގައި ބައިވެރިވެ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ދަރިކަލަށް ނިސްބަތް ކޮށް މަންދީ ދައްކާފައި ވާ ވާހަކަތަކާ ގުޅިގެން އޭނާ އަށް ދައުވާ ކުރުމަށް ރައީސްގެ އާއިލާއިން ނިންމާފައި ވަނިކޮށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.