ވިނަރެސް ފްލެޓް ހޯދި ކަމަށް ތުހުމަތުވާ ޕޮލިސް އޮފިސަރު ރަޖުނީ މަސައްކަތުން އެކަހެރިކޮށްފި

ސުޕްރިޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު

އުސޫލުން ބޭރުން ވިނަރެސް ފެލެޓެއް ހޯދި ކަމަށް ތުހުމަތުވާ އަދި އެޗްޑީސީއާ ގުޅޭ ތަހުގީގު ހިންގަމުން އަންނަ ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ވެރިޔަކަށް ހުންނެވި ސުޕްރިޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު މަސައްކަތުން އެކަހެރިކޮށްފިއެވެ.

މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފުލުހުން ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވީ ރަޖުނީ ކުރައްވަމުން ގެންދެވި މަސައްކަތްތައް ވަގުތީ ގޮތުން މިހާރު އެހެން ބޭފުޅަކާ ހަވާލުކުރައްވާފައިވާކަމަށާއި، އެ ބަދަލު ގެނައީ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސްގައި މި ވަގުތު ކުރަމުން ގެންދާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ތަހުގީގުގެ ކްރެޑިބިލިޓީ ހިފެހެއްޓުމަށާއި އެ ތަހުގީގަށް އެއްވެސް ކަމަކުން ނުރަނގަޅު އަސަރެއް ނުފޯރާނެކަން ޔަގީންކުރުމަށް ކަމަށެވެ.

ޝިފާން އިތުރަށް ވިދާޅުވީ މި ނިންމުމަކީ ރަޖުނީ ޝުއައިބު އާއި ގުޅޭ ގޮތުން މި ހިދުމަތުން ޔަގީންކުރަމުންދާ ކަންކަމުގައި، އެ ފަރާތުން އެއްވެސް ނުރަނގަޅު އަމަލެއް ހިންގާފައިވާކަން މިހާތަނަށް ފާހަގަކުރެވިގެން ނިންމި ނިންމުމެއް ނޫން ކަމަށެވެ.

މިދިޔަ ބުދަދުވަހު ބިންވެރިޔާ ސްކީމްގެ ލިސްޓުގައި ނުހިމެނޭ ބަޔަކަށް ގޯތި ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. އެ ތަހުގީގާ ގުޅޭ މައުލޫމާތު ދިނުމަށް ޖެހިގެން އައި ބުރާސްފަތި ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސް އެކަކަށް ރަޖުނީ ހުންނެވިއިރު، އެ ނޫސްވެރިންގެ ބައްދަލުވުމަށް ފަހު، ހުޅުމާލޭ ބިމުގެ އިތުރުން އުސޫލުން ބޭރުން ވިނަރެސް ފްލެޓުތަކެއް ދީފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވިނަރެސް ފްލެޓް ލިބުނު މީހުންގެ ލިސްޓްގައި ރަޖުނީގެ ނަން ވެސް އޮތެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.