ރޯދަ ވީއްލުން
އެޗްޑީސީއާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާ ގުޅިގެން "އަވައްޓެރި ރޯދަ ވީއްލުން" ނަމުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ރޯދަ ވީއްލުންތަކެއް ބާއްވަން ނިންމައިފިއެވެ.
އެކި ސަރަހައްދުތަކަށް ބަހާލައިގެން ރައްޔިތުންނާއި ހުޅުމާލޭ ނެއިބަހުޑް ޕޮލިސް އާ ގުޅިގެން އެ ކުންފުނިން ކުރިއަށްގެންދާ މި ހަރަކާތުގެ މަގްސަދަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރި ކަމާއި އެއްބައިވަންތަކަން އާލާކޮށް ދިރުވުން ކަމަށެވެ.
"އަވައްޓެރި ރޯދަ ވީއްލުން" ރޭވިފައި ވަނީ ރޯދަ މަހުގެ އެކި ދުވަސްތަކުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ ގޮތަށެވެ. އެގޮތުން، މި އަހަރުގެ ފުރަތަމަ ރޯދަ ވީއްލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗު 15 ވާ ހޮނިހިރު ދުވަހު، ހުޅުމާލޭ ފޭސް 1 ގެ ހުރަވީ ސްކޫލު ކުރިމަތީގައި އޮންނަ، 'ރަނައުރާ މަގު' ގައި ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީގެ ހެޑް އޮފް މާކެޓިންގް އެންޑް ޕީއާރު ޑިޕާޓްމަންޓް ހަސަން ޝަހީދު ވިދާޅުވިީ، ހުޅުމާލޭގެ ރައްޔިތުންނަކީ އަބަދުވެސް ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަންކަމުގައި އެއްބާރުލުން ދޭ ބައެއް ކަމަށެވެ. އެގޮތުން މިފަހަރު ވެސް މި އަވައްޓެރި ރޯދަވީއްލުން ހަރަކާތް ކުރިއަށް މިގެންދަނީ ގިނަ ބައެއްގެ ބައިވެރިވުމާއި އެއްބާރުލުމާއެކުގައި ކަމަށް ޝަހީދު ފާހަގަ ކުރެއްވިއެވެ.
ކޮމެންޓް