އެމްއެމްޕީއާރްސީ އިން ހާއްސަ ސެމިނާއެއް ބާއްވައިފި

އައިޓީބީ ބާލިން 2025 ގެ ސެމިނާގެ ތެރެއިން

އައިޓީބީ ބާލިން 2025 ގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ހާއްސަ ސެމިނާއެއް ބާއްވައިފިއެވެ.

މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އިސްނެގުންތަކާއި އިންވެސްޓްމަންޓްތައް އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިމަގާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށް ބޭއްވި ސެމިނާއެކެވެ. އައިޓީބީ ބާލިން 2025 ގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 89 ކުންފުންޏަކުން 200 މަންދޫބުން ވަނީ ބައިވެރިވެފައެވެ.

މި މަހުގެ 4 ވަނަ ދުވަހު ބޭއްވި މި ސެމިނާގައި ފަތުރުވެރިކަމުގެ އާ މާކެޓް ސެގްމަންޓްތައް ހޯދުމަށާއި، ބުކިން އިތުރުކޮށް އަދި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ރާއްޖެއިން ގެންގުޅޭ ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތުތަކުގެ މައްޗަށް ވަނީ އަލިއަޅުވާލާފައެވެ.

މި ސެމިނާގައި މަޓީގެ ވައިސް ޗެއާމަން ހުސައިން އަފީފް ވަނީ ރާއްޖޭގެ ޓޫރިޒަމްގެ އެކި ޕްރޮޑަކްޓުތައް ތަރައްގީކުރުމުގައި ތިމާވެށްޓާ ރަށްޓެހި ގޮތްތައް ގެންގުޅުމަކީ މުހިންމު ކަމެއްކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަން ތިމާވެއްޓާއި ރަށްޓެހި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމުގައި ޕްރައިވެޓް ސެކްޓާގެ ދައުރު މުހިންމުކަން ފާހަގަކުރައްވާފައެވެ.

މީގެއިތުރުން އެމްއެމްޕީއާރްސީގެ ސީއީއޯ އިބްރާހީމް ޝިއުރީ ވިދާޅުވީ ޖެހިޖެހިގެން 5 އަހަރު ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ މަގާމު ރާއްޖެއިން ހޯދާފައިވާކަމަށާއި އަމާޒަކީ މި މަގާމު ދަމަހައްޓާ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ހަރުދަނާ ކުރުން ކަމަށެވެ.

މީގެއިތުރުން މި ސެމިނާގައި ވަނީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ރާއްޖެއާ ޖަރުމަނުވިލާތާ ދޭތެރޭގައި ސީދާ ދަތުރުތައް ފަށާކަން އިއުލާނުކޮށްފައެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް އަންނަ ޖަރުމަނުވިލާތުގެ ފަތުރުވެރިންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި، ދަތުރުކުރުމަށް އޮތް ޑިމާންޑް އިތުރުވެ، ރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު އޮންނަ ސަގާފީ އަދި އިގްތިސާދީ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް އެމްއެމްޕީއާރްސީ އިން ވަނީ ބުނެފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.