އެތުލެޓިކޯގެ މައްޗަށް ރެއާލުން ކުރި ހޯދައިފި

ކުޅުންތެރިން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު، ރެއާލުން ކާމިޔާބު ކޮށްފިއެވެ.

ރޭ ރެއާލުގެ ބާނަބެއު ސްޓޭޑިއަމްގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ.

ރޭ މެޗަށް ރެއާލުން ނުކުތީ އެ ޓީމްގެ އެޓޭކިން މިޑްފީލްޑްގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުން އަންނަ އިނގިރޭސި މިޑްފީލްޑަރ ޖޫޑް ބެލިންހަމް ނުލައެވެ. އޭނާއަށް ރޭ މެޗުގައި ނުކުޅެވުނީ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައި ރީނދޫ ކާޑު ދެއްކުމުން، ޔުއެފާގެ އުސޫކުގެ ދަށުން އެއް މެޗަށް އޭނާ ސަސްޕެންޑްވެފައި އޮތުމުންނެވެ. މި ދެ ޓީމް ވާދަކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އެތުލެޓިކޯގެ ދަނޑުގައެވެ. އެ މެޗުގައި ބެލިންހަމަށް ކުޅެވޭނެއެވެ.

ބެލިންހަމްގެ ބަދަލުގައި ރޭ ރެއާލުގެ ފުރަތަމަ އެގާރައިން ފުރުސަތު ދީފައިވަނީ ބްރަހިމް ޑިއާޒަށެވެ. މެޗުގައި ރެއާލް މޮޅުވި ލަނޑު ޖަހާފައިވަނީ އޭނާއެވެ.

ރޭ މެޗުގެ ވަރަށް ކުރީކޮޅު ރެއާލުން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ހަތަރުވަނަ މިނެޓުގައި ވަލްވަޑޭ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ ދުރުކަނަށް ބޯޅަ ފޮނުވާލައިގެން ކާމިޔާބު ކޮށްދިނީ ރޮޑްރިގޯއެވެ.

މެޗުގައި އެތުލެޓިކޯގެ ފަރާތުން ވެސް ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު 32 ވަނަ މިނެޓުގައި ޖަހައިދިނީ ހޫލިއަން އަލްވަރޭޒްއެވެ. މިއީ ޗެމްޕިއަންސް ލީގުގައި މި ސީޒަންގައި އޭނާ ކުޅުނު 9 މެޗުގެ ޖެހި 7 ވަނަ ލަނޑެވެ.

ރޭ މެޗުން ރެއާލް މޮޅުވީ 55 ވަނަ މިނެޓުގައި ބްރަހިމް ޑިއާޒް ޖަހައިދިން ލަނޑުންނެވެ. އޭރިއާތެރެއިން ލިބުނު ބޯޅަ ދެ ޑިފެންޑަރުންގައި ނައްޓާލުމަށް ފަހު އޭނާ ވަނީ އެ ބޯޅަ ގޯލުގެ ދުރުކަނަށް އަމާޒުކޮށްލާފައެވެ.

މި ދެ ޓީމް ވާދަކުރާ ދެވަނަ ލެގުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުގެ ރޭ އެތުލެޓިކޯގެ ދަނޑުގައެވެ. މެޗު އެއްވަރު ކޮށްލައިގެން ވެސް ކުއާޓާއަށް ދިއުމުގެ ފުރުސަތު ރެއާލަށް އެބައޮތެވެ

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.