ރިސާރޗް ލައިބްރަރީއަކާއެކު ރާއްޖޭގައި ޤާއިމުކުރާ ފުރަތަމަ މިސްކިތުގެ ބިންގާ އަަޅައިފި

ރައީސުލްޖުމްހޫރިއްޔާ ބިންގާ އަޅުއްވަނީ

ރިސާރޗް ލައިބްރަރީއަކާއެކު ރާއްޖޭގައި ޤާއިމުކުރާ ފުރަތަމަ މިސްކިތުގެ ބިންގާ މިއަދު އަޅައިފިއެވެ.

މަދީނާ އިންވެސްޓްމަންޓުން މެނޭޖްކުރާ މި މަޝްރޫޢުގެ ދަށުން އަޅާ މި މިސްކިތުގެ ބިންގާ ރައީސް އަޅުއްވައިދެއްވީ މިކަމަށްޓަކައި ހުޅުމާލޭގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.

މި މިސްކިތަކީ މ. ޠައިބާ ފަޟީލަތުއްޝައިޚު އިސްމާޢީލު މުޙައްމަދުގެ ދީލަތި އެހީގައި ބިނާކުރެވޭ މިސްކިތެކެވެ. މި ކިސްކިތް ބިނާ ކުރަނީ ހުޅުމާލެ ފޭސް 1 ގައެވެ. މިސްކިތް ބިނާ ކުރަނީ ހުޅުމާލޭ ފޭސް 1ގެ ރެޑްވޭވް ކައިރީގައި އެތައް އަހަރެއްވަންދެން ޓިނުން ހަދާފައިވާ ވަގުތީ މިސްކިތެއް ހުރި ތަނުގައެވެ.

2 ބުރިއަށް ބިނާކުރާ މި މިސްކިތުގެ އެތެރެއާއި ބޭރުގައި ޖުމްލަ 2,000 އަށްވުރެ ގިނަ މީހުންނަށް ނަމާދުކުރެވޭނެއެވެ. މި މިސްކިތުގެ ޚާއްޞަ ކަމަކީ ނަމާދުގެ ފަހުން ކިޔަވާކުދިންނާއި އިސްލާމީ ދިރާސާކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންކުރެވޭ ގޮތަށް ފުރިހަމަ ލައިބްރަރީއެއް ޤާއިމުކުރުމެވެ. މީގެ އިތުރުން، މި މިސްކިތަކީ ފުރިހަމަ ސޯލާ ނިޒާމަކުން ކަރަންޓު ދެވި އޭސީކުރެވޭ މިސްކިތެކެވެ.

މި މިސްކިތް ނިސްބަތްކުރެވިފައިވަނީ ކީރިތި ރަސޫލާގެ އަނބިކަނބަލުން އުންމުލްމުއުމިނީން ޢާއިޝަތުގެފާނަށެވެ. މި މިސްކިތަށް ދީފައިވާ ނަމަކީ "މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ"ގ އެވެ.

މިއީ އަންހެނުންނަށް ވެސް ނަމާދުކުރެވޭ ޖާގައާއި ޚާއްޞަ ފާޚާނާ ހިމެނޭ މިސްކިތެކެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ފަސޭހައިން ވަދެވޭ ގޮތަށް ބިނާކުރެވޭ މިސްކިތެކެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.