އާސެނަލް
އާސެނަލްއަށް ޕްރިމިއާ ލީގު ޗެމްޕިއަންޝިޕް ހޯދުމުގެ އުންމީދުތަކަށް ބޮޑު ލޮޅުމެއް އަރައިފިއެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗެއްގައި ވެސްޓްހެމް ޔުނައިޓެޑް އަތުން 1-0 އިން ބަލިވެ، މި ސީޒަންގައި އާސެނަލްގެ ފަސްވަނަ ރަތް ކާޑު ވެސް ފެނިގެން ގޮސްފިއެވެ.
ދެވަނައިގައި އޮތް އާސެނަލްއަށް މި މެޗުން ޕޮއިންޓް ލިބުނު ނަމަ، އެއްވަނައިގައި އޮތް ލިވަޕޫލްއާ ހުރި ގެޕް ފަސް ޕޮއިންޓަށް ކުޑަ ކުރެވުނީހެވެ. ނަމަވެސް، ޖެރޮޑް ބޮވެންގެ ފުރަތަމަ ހާފުގެ ލަނޑުން ވެސްޓްހެމްއިން މެޗު ކާމިޔާބު ކޮށްފައިވެއެވެ. ވެސްޓްހެމްއިން މި މެޗު ކާމިޔާބު ކުރީ ފާއިތުވި އަށް މެޗުން އެންމެ މެޗެއް ކާމިޔާބު ކުރުމަށް ފަހުގައި ކަން ފާހަގަކޮށްލެވެއެވެ.
މެޗުގެ ދެވަނަ ހާފުގައި އާސެނަލްގެ ލެފްޓް ބެކް މައިލްސް ލުއިސް-ސްކެލީއަށް ވީއޭއާރު މެދުވެރިކޮށް ރަތް ކާޑު ދައްކާފައިވެއެވެ. މިކެލް އަޓޭޓާގެ ޓީމުގެ ޑިސިޕްލިނަރީ ރެކޯޑަށް ބަލާއިރު މި ސީޒަންގައި ފާހަގަ ކުރެވޭ ވަރުގެ މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ފާހަގަ ކުރެވެއެވެ. އަދި މިކަން ޓައިޓަލް ހޯދުމުގެ ހުވަފެނަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް ބެލެވެއެވެ.
ކައި ހަވަޓްޒް، ބުކަޔޯ ސަކާ، ގެބްރިއެލް މާޓިނެލީ އަދި ގެބްރިއެލް ޖީސަސް ފަދަ މުހިންމު ކުޅުންތެރިން އިންޖަރީގެ ސަބަބުން ނުކުޅެވުމާ އެކު، އާސެނަލްއަށް މި މެޗުގައި ވެސްޓްހެމްގެ ގޯލަށް އަމާޒުކުރެވުނީ އެންމެ ދެ ޝޮޓެވެ.
މި ނަތީޖާއާ އެކު ލިވަޕޫލްއާއި އާސެނަލްއާ ދެމެދު އޮތް ގެޕް އަށް ޕޮއިންޓަށް އިތުރުވެފައިވާއިރު، މާންޗެސްޓަރ ސިޓީއާ ދެކޮޅަށް އާދިއްތަ ދުވަހު ކުޅޭ މެޗުން ލިވަޕޫލްއަށް މި ލީޑު އިތުރަށް ފުޅާ ކުރުމުގެ ފުރުސަތު އެބައޮތެވެ.
ކޮމެންޓް