އަރސެނަލް ކުޅުންތެރިން
ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ނެދަލެންޑްސްގެ ޕީއެސްވީގެ މައްޗަށް އާސެނަލުން މިހާތަނަށް އެއްވެސް ބަޔަކަށް ހޯދިފައިނުވާވަރުގެ ބޮޑު މޮޅެއް ހޯދައިފިއެވެ.
ރޭ ޕީއެސްވީގެ ދަނޑުގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބު ކޮށްފައިވަނީ 7-1 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ.
މިއީ ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި ރަށުން ބޭރުގައި މިހާތަނަށް ނުކުތް އެންމެ ތަފާތު ބޮޑު ނަތީޖާއެވެ. މި ނަތީޖާއަކީ ޕީއެސްވީގެ ތާރީހުގައި ވެސް ދަށް ނަތީޖާއެކެވެ. މިއީ ޕީއެސްވީ ޔޫރަޕުގެ މުބާރާތެއްގައި އެންމެ ތަފާތު ބޮޑުކޮށް ބަލިވި މެޗުވެސްމެއެވެ.
އާސެނަލް އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ މި މެޗުގެ 18 ވަނަ މިނިޓުގައި ޖުރިއެން ޓިމްބަރ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފައެވެ. އަދި އޭގެ ތިން މިނިޓު ފަހުން އީތަން އެންވަނޭރީ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މި މެޗުގެ 31 ވަނަ މިނިޓުގައި އާސެނަލްގެ މިކޭލް މެރީނޯ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާ ކުރި ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް ޕީއެސްވީގެ ނޯއާ ލޯންގް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފައެވެ.
އާސެނަލް އިން ވަނީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި އިތުރު ލަނޑެއް ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކެޕްޓަން މާޓިން އޮޑެގާޑެއެވެ. އަދި އޭގެ މިނިޓެއް ފަހުން ލިއަންދްރޯ ޓްރޮސާޑް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ.
މި މެޗުގައި އާސެނަލް އިން ޖެހި ހަވަނަ ލަނޑު މެޗުގެ 73 ވަނަ މިނިޓުގައި އޮޑެގާޑް ކާމިޔާބުކޮށްދިން އިރު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް ރިކާޑޯ ކަލަފިއޯރީ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 7-1 އަށް ބަދަލުކޮށްފައެވެ.
މި ދެ ޓީމް ކުޅޭ ދެވަނަ ލެގުގެ މެޗު އަންނަ ހަފްތާ ބުދަދުވަހުގެ ރޭ ކުޅޭނީ އާސެނަލްގެ ދަނޑުގައެވެ. މުބާރާތުން އާސެނަލް ކަޓާނީ ދެވަނަ ލެގުގައި ހަ ލަނޑުގެ ތަފާތަކަށްވުރެ ބޮޑު ތަފާތަކުން ޕީއެސްވީ އަތުން ބަލިވެއްޖެނަމައެވެ.
ކޮމެންޓް