ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނިލަންދެއަތޮޅު ދެކުނުބުރީގެ (ދ. އަތޮޅު) މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއް މިއަދު މެންދުރުފަހު ފައްޓަވައިފިއެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދިން ގޮތުގައި މި ދަތުރުފުޅުގައި ރައީސް މުޢިއްޒު އެ އަތޮޅުގެ ހުރިހާ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އަދި ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ.
މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންގެ ގާތަށް ވަޑައިގެން އެ ރަށްރަށުގެ ހާލަތު ބެއްލެވުމާއި، ރަށްރަށުގެ ތަރައްޤީއަށް ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ ބައެއް މަޝްރޫޢުތައް ފައްޓަވައިދެއްވުމެވެ. މީގެ އިތުރުން، ނިމިފައިވާ ބައެއް މަޝްރޫޢުތައް އިފްތިތާޙުކޮށްދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދެއް ފުއްދެވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ. އެއީ މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ދެފަހަރު ޒިޔާރަތްކުރެއްވުމުގެ ވަޢުދެވެ. މިހާތަނަށް އެމަނިކުފާނު ވަނީ އެންމެ ރަށެއްގެ ކައުންސިލް ފިޔަވައި އެހެން ހުރިހާ ރަށެއްގެ ކައުންސިލްތަކާވެސް ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅު ނިމި މާލެ އަނބުރާ ވަޑައިގަންނަވާނީ މިއަންނަ އަންގާރަ ދުވަހުއެވެ.
ކޮމެންޓް