ކުޅުދުއްފުށީ އެއާޕޯޓް ފެންސްގައި ޖެހި އެކްސިޑެންޓްވި ޕިކަޕް ދުއްވަން އިނީ ކުޑަ ކުއްޖެއް
ބާރު ސްޕީޑްގައި ދިޔަ ޕިކަޕް ކޮންޓްރޯލުން ނެއްޓި އެއާޕޯޓް ބޭރު ފެންސްގައި ޖެހުނީ އުމުރުން 18 އަހަރު ނުފުރޭ ކުއްޖެއްކަމަށް ފުލުހުން މިއަދު ވަނީ ހާމަކޮށްފައެވެ.
ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވީޑިއޯއެއްގައި ދައްކާ ގޮތުން، ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ޕިކަޕް ވަނީ ކޮންޓްރޯލް ގެއްލި، އެއާޕޯޓުގެ ބޭރު ފެންސާ ޖެހިފައެވެ. މި ހާދިސާގައި އެއާޕޯޓުގެ ފެންސަށް ވަނީ ގެއްލުން ލިބިފައެވެ.
ވީޑިއޯގައި ދައްކާ ގޮތުން، އެކްސިޑެންޓް ވުމާއެކު ޕިކަޕުން މީހަކާއި ކުޑަކުއްޖަކު ފައިބައި، އެއްވެސް ވަރަކަށް އެ ސަރަހައްދުގައި މަޑުނުކޮށް ވަނީ އެތަނުން ދުރަށް ގޮސްފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެކްސިޑެންޓްވި ޕިކަޕް ޓޯކޮށް، މައްސަލައިގެ ތަހުގީގު ފަށާފައެވެ. އަދި މި މައްސަލައިގައި ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ލައިސަންސް ނެތި އުޅަނދު ދުއްވުމާއި، އެކްސިޑެންޓްވުމުން ފިލައިގެން ދިއުމަކީ ޤާނޫނީ ގޮތުން ކުށެއްކަން ފާހަގަކޮށްލެވެއެވެ. މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް، ކަމާބެހޭ ފަރާތްތަކުން އާންމުންނަށް އިލްތިމާސްކުރަމުން ގެންދެއެވެ.
ކޮމެންޓް