މާލެ ސަރަޙައްދުގައި މާދަމާ މަސްދަޅު ކޭސް ބަހަން ފަށަނީ

މަސްދަޅު

މިއަހަރުގެ ރަމަޟާން މަހަށް ގޭބިސީތަކަށް ސަރުކާރުން ދެއްވާ މަސްދަޅު ކޭސް މާދަމާއިން ފެށިގެން ބަހަންފަށާނެ ކަމަށް މާލޭ ސިޓީ ކައުންސިލް އިދާރާއިން ހާމަކޮށްފިއެވެ.

ރަމަޟާންމަހަށް ޚާއްޞަކޮށްގެން ގޭބީސީތަކަށް ބަހަނީ އާންމުކޮށް ބޭނުންކުރާ 180 ގްރާމްގެ 48 ދަޅުގެ މަސްދަޅު ކޭހެވެ. ރަމަޟާން މަސް ފެށުމުގެ ކުރިން މަސްދަޅު ކޭސްތައް ބަހައި ނިމޭނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

މަސްދަޅު ކޭސް ބަހާނީ މާދަމާއިން ފެށިގެން 28 ފެބުރުވަރީގެ ނިޔަލަށެވެ. އެގޮތުން ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެވެސް މަސްދަޅު ކޭސް ބަހާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ބެހުމަށް ނިންމާފައިވާ ގަޑިތައް:

މެންދުރުފަހު 14:30އިން 18:00އަށް
ރޭގަނޑު 20:30އިން 23:00އަށް

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހާ ސަރަޙައްދުތައް:

މާލޭ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާ ބެހޭބައި
މިފްކޯގެ އޮފީހުގެ ގްރައުންޑް ފްލޯ
* ވިލިމާލެ ސޯޝަލް ސެންޓަރ
* ހުޅުމާލެ ފޭސް1ގެ ޢުމަރު ޒާހިރު ބިލްޑިންގ
* ހުޅުމާލެ ފޭސް2 ގެ ހިޔާ ފްލެޓްގެ 10 ވަނަ ފްލެޓްގައި ހުންނަ ޔޫތު ސެންޓަރ

ކުރިއަށް އޮތް ރަމަޟާންމަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ، ސަރުކާރަށް އެއް އަހަރުފުރުމުގެ ކާމިޔާބީ ފާހަގަކުރުމަށް މިދިޔަ ނޮވެންބަރު މަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސްގެ މިވަޢުދާ އެއްގޮތަށް ގޭބީސީތަކަށް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިހާރު ވަނީ ފަށްޓަވާފައެވެ. އެގޮތުން މަސްދަޅު ކޭސް އަތޮޅުތަކުގެ ބައެއް ކައުންސިލްތަކުން މިހާރު ދަނީ ބަހަމުންނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.