ޣައްޒާގެ އުތުރަށް އާންމުން ވަނުން ހުއްޓުވުމަށްފަހު އަލުން ހުއްދަދީފި

ފަލަސްތީނުގެ ޣައްޒާގެ އުތުރު ސަރަހައްދަށް އާންމުން އެނބުރި ދިއުމުގެ ހުއްދަ ދިނުމާ އެކު މީހުން އެ ސަރަހައްދަށް ދަތުރުކުރަނީ.

ފަލަސްތީނުގެ ހަމާސް އާއި އިޒްރޭލުން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ފަހު ޣައްޒާގެ އުތުރު ސަރަހައްދަށް އާންމުން ވަންނަން ދިއުމުން އެތައް ލައްކަ ބަޔަކު ހުއްޓުވައި މަގުމަތިކުރުމަށް ފަހު މިއަދު އަލުން ހުއްދަ ދީފި އެވެ.

15 މަސް ދުވަހުގެ ހަނގުރާމައަށް ފަހު ދެފަރާތުން ހަމަލާ ބަދަލުކުރުން ހުއްޓާލައި، ރަހީނުންނާއި ގައިދީން ދޫކޮށްލަމުންދާއިރު، ހޮނިހިރު ދުވަހު ދޫކޮށްލަން އެއްބަސްވެފައިވާ ރަހީނަކު ދޫކޮށްނުލާ ކަމަށް ބުނެ އިޒްރޭލުން ވަނީ ޣައްޒާގެ އުތުރަށް އާންމުން ވަނުމަށް ހުރަސްއަޅާފައެވެ. ނަމަވެސް އިތުރު ހަ ރަހީނަކު ދޫކޮށްލުމަށް އެއްބަސްވުމާ ގުޅިގެން މިހާރު ވަނީ އާންމުންނަށް އެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދީފައެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނި ގޮތުގައި އާ އެއްބަސްވުމަކަށް އައުމާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުންނަށް އެ މީހުންގެ ވަޒަނަށް އެނބުރި ދިއުމުގެ ހުއްދަ ދީފައިވެއެވެ. މި ހުއްދައާ އެކު ގޮނޑުދޮށުގައި އޮންނަ މަގުން އެތައް ހާސް މީހުންނެއް ވަނީ ދަތުރު ފަށައިފައެވެ.

"ފުރަތަމަ ދެ ގަޑިއިރު ތެރޭ ވެސް 200،000 އަށްވުރެ ގިނަ މީހުން ވަނީ ޣައްޒާ އާއި އުތުރު ޣައްޒާއަށް ވަދެފައި،" ޣައްޒާގެ ސެކިއުރިޓީ އޮފިޝަލަކު އޭއެފްޕީއަށް މަޢުލޫމާތު ދެއްވިއެވެ. އަނބުރާ ވަޒަނަށް ދެވުމުގެ އުފަލުގައި ވެސް، ސުންނާފަތިވެފައިވާ ޣައްޒާގެ މަންޒަރުން ގިނަ ބަޔަކަށް ލިބެނީ ސިހުމެކެވެ. އިޒްރޭލުގެ ހަމަލާތަކުގައި ގިނަ މީހުންގެ ގެދޮރު ވަނީ ހަލާކުވެފައެވެ.

ޣައްޒާގައި ވެރިކަންކުރާ ހަމާސް އިން ބުނެފައިވާ ގޮތުގައި އެނބުރި އަންނަ އާންމުންނަށް ހިޔާވަހިކަން ދިނުމަށް 135،000 ޓެންޓު ބޭނުންވެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.