މެރިން ރިސާޗް އިންސްޓިޓިއުޓް
މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓަށް ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ޙަސަން ޝަކީލް އަވަހާރަވުމަކީ، އެ ދާއިރާއިން ޤައުމަށް ލިބުނު ފޫނުބެއްދޭނެ އުނިކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޝަކީލް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޝަކީލްގެ އާއިލާއަށް ތައުޒިއްޔާ ދަންނަވާފައެވެ. އަދި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްވެރިކަމާއި، ކަނޑުތަކާ ބެހޭ ދިރާސާތައް ކުރެއްވުމުގައި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގައި 40 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާ، ޝަކީލް އަވަހާރަވުމަކީ އެ ދާއިރާއިން ޤައުމަށް ލިބުނު ފޫނުބެއްދޭނެ އުނިކަމެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ޝަކީލަކީ މަސައްކަތް ކުރެއްވުމުގައި ހީވާގި، ހިތްވަރު ގަދަ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.
މެރިން ރިސާރޗް އިންސްޓިޓިއުޓް ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި، ޝަކީލަކީ އެ އިދާރާ އުފެދުނީއްސުރެއް އެތަނުގައި މަސައްކަތް ކުރައްވަމުންގެންދެވި ބޭފުޅެކެވެ.
ފަރުމަސްވެރިކަމުގައި ބާނާ ޚާއްސަ ބައެއް ބާވަތްތަކުގެ އާބާދީގެ ހާލަތު ދެނެގަތުމަށް އަލަށް ކުރެވުނު މަސައްކަތްތަކުގައި ޝާކީލުގެ އިސް ދައުރެއް އަދާކުރެއްވިއެވެ. އަދި ކަނޑުތަކުގެ ވަސީލަތްތައް މެނޭޖްކުރުމަށް އޭރުގެ މެރިން ރިސާރޗް ސެކްޝަނުގައި ހިންގުނު ޕްރޮގްރާމް އެކުލަވާލުމުގައި ޝަކީލުގެ ދައުރު ބޮޑެވެ.
ސީނިއަރ ބަޔޮލޮޖިސްޓުގެ (ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް) މަގާމުގައި ޝަކީލް އަކީ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުގެ މެރިކަލްޗަރ ޕްރޮގްރާމްގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅާއެވެ.
ޝަކީލް ޚިދުމަތުގައި ހޭދަކުރައްވާފައިވާ 41 އަހަރުގެ ދިގު މުއްދަތުގައި ޝަކީލަކީ ގިނަ މުވައްޒަފުންތަކެއް މެންޓަރ ކުރައްވާފައިވާ، މުވައްޒަފުން ބަލައިގަނެފައިވާ ފަރާތެކެވެ.
ޝަކީލަކީ މެރިން ސައިންސުގެ ދާއިރާ ކުރިއަރުވައި މި ދާއިރާއަށް ދިވެހިންގެ ޝައުގުވެރިކަން އިތުރުކުރުމަށް ވަރަށް ޝައުގުވެރިކަމާއިއެކު ގިނަ މަސައްކަތްތަކެއްވެސް ކޮށްދެއްވާފައިވާ ބޭފުޅެއްގެ ގޮތުގައި ފާހަކުރެވެއެވެ.
1983 ވަނަ އަހަރު މެރިން ބަޔޮލޮޖިސްޓް ޓްރެއިނީއެއްގެ ގޮތުގައި މިނިސްޓްރީއާއި ގުޅިވަޑިގަތީންސުރެ ޝަކީލަކީ މިނިސްޓްރީއާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.
ކޮމެންޓް