ރައީސުލްޖިމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ޤައުމުގެ މިނިވަންކަމަށް އެއްވެސް ލޮޅުމެއް އަރާފާނެ ކަމަކަށް ދޫނުދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
ރިޔާސީ ބަޔާނުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ޤައުމުގެ މިނިވަންކަމަށް އެއްވެސް ލޮޅުމެއް އަރާފާނެ ކަމަކަށް ދޫނުދިނުމަކީ އެމަނިކުފާނުގެ ޢަޒުމްކަމަށެވެ. އަދި އެއީ އެމަނިކުފާނުގެ އަމިއްލަ ނަފުސުގެ މައްޗަށް ލާޒިމުކުރައްވާ، ދުވަހަކުވެސް ފަރުވާކުޑަ ނުކުރައްވާނެ ޤައުމީ ވާޖިބެއްކަމުގައި ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއުގެ ޤާބިލުކަން އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް މިއަހަރު ކުރިއަށް ގެންދަވާނެއެވެ. މީގެ އިތުރުން، 17 ނޮވެންބަރު 2023 އިން ފެށިގެން މިހާތަނަށް 27 ރަށެއްގައި ޕޮލިސް ސްޓޭޝަން ވަނީ ޤާއިމުކުރެވިފައެވެ. އަދި މިހާރު ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިނުވާ 39 ރަށުގައި މިއަހަރު ތެރޭގައި އެ ޚިދުމަތް ޤާއިމުކުރެވޭނެކަމަށް ވިދާޅުވިއެވެ.
"ރާއްޖެ އަބަދުވެސް އިސްކުރާނީ އަމާންކަން. އެހެން ޤައުމުތަކުގެ ބިންތައް ހިފައިގަތުމާއި، ފުރާނައަށް ގެއްލުންދިނުމާއި، އިންސާނީ ކަރާމާތަށް އަރައިގަތުން ފަދަ ޖަރީމާތައް ދިވެހިރާއްޖެ އެއްގޮތަކަށްވެސް ބަލައެއް ނުގަންނާނެ" ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ދިވެހި ތަރިކަ ރައްކާތެރިކުރުމުގެ ގޮތުން އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި ދިވެހި ޤައުމިއްޔަތުގެ އިސްވަރު އުފައްދައި، އޭގެ ފުރަތަމަ އަހަރީ މަހާސިންތާ ބޭއްވުމާއި، ދިވެހި ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު އުފެއްދެވުން ހިމެނެއެވެ. އަދި ތަރިކައިގެ ދާއިރާ ޑިޖިޓައިޒްކުރުމުގެ ދަށުން އުސްގެކޮޅާއި ކަޅުއޮށްފުންމި ސަރަޙައްދު ޒަމާނީ މިއުޒިއަމަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް މިއަހަރު ފެށޭނެކަމަށް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވާހަކަފުޅު ނިންމަވާލެއްވީ "މި ލޮބުވެތި ދިވެހި ޤައުމާ މެދު ފަޚުރުވެރިވާނެ ދިވެހި ދަރީންތަކެއް އުފެދެން އަޅުގަނޑު އިންތިހާއަށް ބޭނުން. ދިވެހީންގެ ރާއްޖެ ދިވެހީންގެ މިލްކެއްގެ ގޮތުގައި ދެމި އޮންނާނީ އޭރުންނެވެ" މި ބަސްކޮޅުންނެވެ.
ކޮމެންޓް