ހެޕިނަސް އިންޑެކްސް ފަދަ ކަމެއް ރާއްޖޭގައި އިފްތިތާހުކުރެވިގެން ދިއުމަކީ ވަރަށް ބޮޑު އުފަލެއް : މެޑަމް ސާޖިދާ

ދިވެހިންގެ އުފާވެރިކަމުގެ މިންގަނޑު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި

ގައުމެއްގެ އުފާވެރިކަން އިތުރުކުރުމުގައި ތަރިކައާއި ބަހާއި ސަގާފަތަށް އިހުތިރާމްކޮށް އެ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރުން މުހިންމު ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ، ދިވެހިންގެ އުފާވެރިކަން މިންކުރުމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އިން އިސްނަގައިގެން އެކުލަވާލުމުގެ މަސައްކަތް ފައްޓަވާފައިވާ "ހެޕިނަސް އިންޑެކްސް" ލޯންޗްކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެކަމަނާ ވިދާޅުވީ އެފަދަ ކަމެއް ރާއްޖޭގައި އިފްތިތާހުކުރެވިގެން ދިއުމަކީ ވަރަށް ބޮޑު އުފަލެއް ލިބޭ ކަމެއް ކަމަށެވެ.

މެޑަމް ސާޖިދާ ވިދާޅުވީ ގައުމެއްގައި އުފާވެރިކަން އަށަގަންނުވުމުގައި އެ ގައުމެއްގެ މާދަރީ ބަހާއި ސަގާފަތުގެ އިތުރުން ތަރިކައާއި ފަންނު ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ

އަދި ދުނިޔޭގެ ގައުމުތަކުގައި އެ ދާއިރާއަށް އިސްކަމެއްދޭ އެއް ސަބަބަކީ ޒަމާނުއްސުރެ އެ ބައެއްގެ މާދަރީ ބަހުން އުފެދިފައި ހުންނަ މޮޅު ރީތި ޅެންތަކާއި ކިޔައިފައި ހުންނަ ޖޯކުތަކާއި އުފަންވެފައި ހުންނަ ހިކުމަތްތެރި އަދި ބުއްދިވެރި ވާހަކަތަކާއި ބުނުންތައް ފަދަ އަދަބީ އުފެއްދުންތަކުން އުފާ ލިބިގަތުމަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ކުރަމުން އަންނަ ކަމެއް ކަމަށްވާތީ ކަމަށް ސާޖިދާ ވިދާޅުވި އެވެ.

އަދި އިލްމީ ގޮތުން ބަލާއިރުވެސް ފިކުރީ އުފާވެރިކަން ލިބިގަނެވަނީވެސް ހަމައެކަނި މާދަރީ ބަހުންކަން އެކަމަނާ ފާހަގަ ކުރެއްވި އެވެ.

އޭގެ އިތުރުން އެ ކަމަނާ ވިދާޅުވީ ޙަޤީޤީ އުފާވެރިކަމުގެ ކިއްލާއަކީ އީމާންތެރިކަމުގެ ނޫރުން އަލިވެފައިވާ ހިތެއް ކަމުށެވެ. އަދި އަތްމަތި ތިޔާގިކަމާއި، ދުޅަހެޔޮކަމާއި، ނަފުސާނީ ފުދުންތެރިކަމާއި، މި ފަދަ ހުރިހައި ކަމެއްގެ އިތުރަށް، ރޫޙާނީ ވެށި ނުވަތަ އީމާންތެރިކަން ހަރުދަނާ ކުރަން އަބަދުވެސް ވިސްނަން ޖެހޭ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުންގެ އުފާވެރިކަން ހުރި މިންވަރު ބެލުމަށް "ހެޕިނަސް އިންޑެކްސް" އެއް ކަނޑައެޅުމުގެ މަސައްކަތް، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފެއްޓެވީ، ހުރިހާ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ އުފާވެރިކަމާއި ހިތްހަމަޖެހުމާއި، ކޮންމެ ރަށެއްގެ ހާލަތު ރަނގަޅަށް ދެނެގަނެވުމަކީ މުހިންމު ކަމެއްކަމުގައި ދެކެވަޑައިގެން، ރިޔާސީ ދައުރުގެ ފުރަތަމަ އަހަރުގެ ތެރޭގައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.