ރައީސް ޑރ.މުއިއްޒު ، މަޖިލީސް ރައީސް ، ވަޒީރު
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ ސުލޫކީ މައްސަލައެއް ޕީއެންސީން އެޕާޓީގެ ސްލޫކީ ކޮމިޓީއަށް ހުށަހަޅައި ބަލަމުން ދާކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މިއާއެކު ސަރުކާރުންވަނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އެއްވެސް މީޑިއާއަކަށް މައުލޫމާތު ދިނުން މަނާކޮށްފައެވެ. އަދި މި މައްސަލަ ބަލައި އަބްދުއްރަހީމް ޕާޓީން ވަކިކުރުމަށް ނިންމާފައިވާ ކަމަށްވެސް މިނޫހަށްވަނީ މަޢުލޫމާތު ލިބިފައެވެ.
މި ސްލޫކީ މައްސަލަ ހުށަހެޅީ މަޖިލިސް ރައީސް އަބްދުއްރަހީމްގެ އެއްބާރުލުމާއެކު އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މަސައްކަތްކުރާ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އިހުސާނުގެ އިތުބާރު ނެތްކަމުގެ މައްސަލަޔާއި ގުޅިގެންކަމަށް ޕީއެންސީގެ ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވާ މެންބަރަކު ނަން ވަންހަނާކުރުމަށްއެދި މައުލޫމާތު ދެއްވިއެވެ.
މިނިސްޓަރު އިހުސާނުގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ އެ މިނިސްޓަރުގެ މައްޗަށް ތުހުމަތުކުރެވޭ ޑީ.އެން.އާރު (ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން) މެދުވެރިކޮށް ރައްޔިތުންގެ ޒާތީ މަޢުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށް، ޕީ.އެން.ސީ (ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް)އަށް މެންބަރުން ވެއްދުމެވެ. މީގެ ކުރިންވެސް މިނިސްޓަރު އިހުސާންގެ މައްޗަށްވަނީ ސަރުކާރު ހިއްސާވާ އެކިއެކި މުޢާމަލާތްތަކުގައި އެ މިނިސްޓަރުގެ ވިޔަފާރި މަސްލަހަތު އިސްކުރާކަމަށް ތުހުމަތުކޮށްފައެވެ.
މީގެ ދުވަސްކޮޅެއްކުރިން މީސްމީޑިޔާގައިވަނީ މިނިސްޓަރު އިހުސާން އިސްކޮށް ހުންނަވައި، ކޮންމެ މިނިސްޓްރީއަކުން ވަކި އަދަދަކަށް މެންބަރުން ވެއްދުމަށް ވަގުފޯމު ފުރުވާފައިވާކަން ފަޅާއަރުވާލާފައެވެ.
މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެންމަތިވުމާއި ގުޅިގެން، މިނިސްޓަރ އިހުސާންވަނީ މަޖިލީހުގެ ރައީސް މަޤާމުން އަބްދުއްރަހީމް ދުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒަށް ގޮވާލައްވާފައެވެ.
ސަރުކާރާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އާއި ދެމެދު އޮތް ވަރުގަދަ ގުޅުން ހީނަރުވެ، ދާދި އަވަހަށް ޕީ.އެން.ސީ ސުލޫކީ ކޮމިޓީ މެދުވެރިކޮށް ފިޔަވަޅު އަޅައި އެ ޕާޓީން ވަކިކުރާނެކަމަށް ބެލެވެއެވެ.
އަބްދުއްރަހީމް މެލޭޝިއާގައި ހުންނަވައި ސަރުކާރު ވައްޓާލުމަށް ބަޣާވާތެއް ރާވަމުންދާކަން ސަރުކާރަށް އެނގިފައިވާކަމަށް މި ނޫހަށް މަޢުލޫމާތު ދިން ފަރާތުން ހާމަކުރިއެވެ. މި ކަމާ ގުޅިގެން ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބި އަބްދުއްރަހީމަށް ތާއީދުކުރާ ފަރާތްތައް ވަޒީފާއިން ވަކިކުރުމަށް ރައީސް މުޢިއްޒު ނިންމަވާފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
ޓްއަރިޒަމް މިނިސްޓަރ ފައިސަލް އިބްރާހިމް މިނިސްޓަރުކަމުން ވަކިކުރުމާ ގުޅިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމް މެލޭޝިޔާ ދަތުރުފުޅު ކުރުކޮށްލައްވައި ކުއްލިއަކަށް މާލެ ވަޑައިގަން ސިވިލް އޭވިއޭޝަން އުސޫލުން ބޭރުން މަޖިލީހުގެ ރައީސް ދަތުރުކުރައްވާ ކާރު ކޮޅު ފްލައިޓް ކައިރިއަށް ގެންގޮސް ކާރުކޮޅުގައި ވަޑައިގަތީ މަޖިލީހުގެ ރައީސް ގެކޮޅު މުރައިދޫ ގެއަށް ނޫން ކަމަށް މައުލޫމާތު ލިބެއެވެ. މީއަކީ ޑިޕްލޮމެޓިކް ލެވެލްގައި ތިއްބަވާ ސަރުކާރު އިސްވެރިން ދަތުރުފުޅުތަކަށް ބަލާއިރު މަޖިލީހުގެ ރައީސް ހާސްވެ ކަންބޮޑުވުން އޮތް މިންވަރު ދޭހަވާކަމެއްކަމަށް މަންޒަރުދުއް ފަރާތްތަކުން ހާމަކުރެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ ދަރިކަލުން ފައިސަލް ޓްއަރިޒަމް މިނިސްޓަރުކަމުން ވަކިކުރުމާ ގުޅިގެން ރައީސް ޑރ. މުޢިއްޒު އާއި މަޖިލިސް ރައީސް އަބްދުއްރަހީމްއާއި ދެމެދު އޮތް ގުޅުންވަނީ އެއްކޮށް ކެނޑިފައެވެ.
ޕީއެންސީގެ މަޖިލިސް މެންބަރެއްގެ ފަރާތުން، މި ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މި މައްސަލައިގެ ފަހަތުގައި ވަނީ ހެޕީމާކެޓްގެ އިހުސާންގެ ވިޔަފާރިއާ ގުޅޭ މަސްލަހަތެވެ. އެގޮތުން، ދާދިފަހުން ހެޕީމާކެޓްގެ ރިސޯޓް ވިޔަފާރިއަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެން، އިހުސާންވަނީ ރައީސް މުޢިއްޒުއާއި ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.
ޕީއެންސީއިން މިހާރުދަނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް މަޤާމުން ވަކިކުރުމަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މަޖިލީހުގެ ރައީސްކަމަށް މަޖިލީހުގެ ނައިބު އަހުމަދު ނާޒިމް އައްޔަނުކޮށް އަދި ނައިބު ރައީސްކަމަށް އިހުސާންގެ ބައްޕާފުޅު ފޭދޫ ދާއިރާ މެންބަރު އިބްރާހީމް ދީދީ ގެނައުމަށް ރާވަމުން ގެންދާކަމަށް މަޢުލޫމާތު ލިބެއެވެ.
ކޮމެންޓް