ހއ.އުތީމުގައި ރައީސުލްޖުމްހޫރީއްޔާ ޑޜ.މުހައްމަދު މުއިއްޒު
ދިވެހީންގެ ނެޝަނަލް އައިޑެންޓިޓީ ހިމާޔަތްކުރުމަށްޓަކައި އުތީމު ގަނޑުވަރު ބެލެހެއްޓުމަށް އިތުރު ސަމާލުކަމެއް ދޭންޖެހޭ ކަމަށް ރައީސް މުޙައްމަދު މުއިއްޒު މިއަދު ހަވީރު އުތީމަށް ކުރެއްވި ޒިޔާރަތުގައި ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި މިހާތަނަށް އުތީމު ގަނޑުވަރު ބެލެހެއްޓުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވެއެވެ. އަދި ކުރީގެ ސަރުކާރުތަކުން ގައުމީ ދުވަސް ފާހަގަކުރި ގޮތާ ތަފާތުކޮށް، އާ ސަރުކާރުން މި ދުވަސް ފާހަގަކުރުމަށް ރޭވިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މިހާތަނަށް ސަރުކާރުތަކުން ނުދޭ ސަމާލުކަމެއް ދީގެން، އެއީ ބަޖެޓުގެ ގޮތުން ކަމުގައި ވިޔަސް އަދި އެހެނިހެން ވަސީލަތްތަކުގެ ގޮތުން ކަމަށް ވިޔަސް، ޖެހިޖެހިގެން ދެ އަހަރު، މި އަހަރާއި އަދި މި އަންނަ އަހަރު ގައުމީ ދުވަސް ގައުމީ ފެންވަރެއްގައި މި ރަށުގައި ފާހަގަކުރަން ގަސްދުކުރަން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުތަކުން ގައުމީ ދުވަސް ފާހަގަކުރަމުން އައީ އާދައިގެ ބަޖެޓަކުން ކޮންމެވެސް އެއް އަހަރަކު އުތީމުގައި ކަމަށް ފާހަގަކުރައްވައި، އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ މިކަން މަޝްރޫއެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން ގައުމީ ވިސްނުމެއްގައި އެކި ބާވަތުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށްވެސް ރައީސް މުއިއްޒު ހާމަކުރެއްވިއެވެ.
ކޮމެންޓް