ފެނަކަ ކޯޕަރޭޝަން
ދިމަހް ކުންފުނިން ކުރި މަސައްކަތަކަށް ފެނަކައިން ދޭންޖެހޭ 31 މިލިއަން ރުފިޔާގެ ތެރެއިން ނުދައްކާ އޮތް 28 މިލިއަން ރުފިޔާ 11 މަހަށް ބަހާލައިގެން ދެއްކުމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
މި މައްސަލައިގައި ދިމަހް ކުންފުނިން ސިވިލް ކޯޓުގައި ފެނަކައާ ދެކޮޅަށް ދަޢުވާ ކުރި އިރު، އެ ކުންފުނިން ކުރި މަސައްކަތަށް ލިބެންޖެހޭ 31 މިލިއަން ރުފިޔާގެ ތެރެއިން ފެނަކައިން ދައްކާފައިވަނީ އެންމެ ތިން މިލިއަން ރުފިޔާއެވެ.
ދަޢުވާ ހުށަހެޅުމާ ގުޅިގެން ފެނަކައިން ވަނީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން ބޭނުންވާ ކަމަށް ބުނެފައެވެ. ނަމަވެސް، އެކަމަށް ކޯޓުން ދިން މުއްދަތުގައި ފެނަކައިން އެއްބަސްވި ގޮތަށް ހައްލުތަކެއް ހުށަހަޅާފައި ނުވުމާ ގުޅިގެން، ދިމަހް ކުންފުނިން ވަނީ ޝަރީޢަތުން މައްސަލައިގައި ގޮތެއް ކަނޑައަޅައި ދިނުމަށް އެދިފައެވެ.
މި މައްސަލައިގައި ފެނަކައިން ވެސް ވަނީ ދިމަހް ކުންފުނިން އެދޭ ގޮތަށް މައްސަލައިގައި ހުކުމް ނެރެދިނުމަށް އެދޭ ކަމަށް ކޯޓުގައި ބުނެފައެވެ. އެހެންކަމުން، ސިވިލް ކޯޓުން ވަނީ ދިމަހް ކުންފުންޏަށް ދޭންޖެހޭ ފައިސާ 11 މަހަށް ބަހާލައިގެން ދެއްކުމަށް ހުކުމްކޮށްފައެވެ.
ކޮމެންޓް