ސޫ ޒިއޯނިންގ (30އ)
ޗައިނާގެ 30 އަހަރުގެ އަންހެނަކު ގެއްލިގެން އުޅޭތާ މިހާރު ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ މެދުވެރިކޮށް އޭނާގެ އާއިލާގެ ފަރާތުންނެވެ.
ގެއްލިގެން ހޯދަމުންދާ ސޫ ޒިއޯނިންގ ރާއްޖެއަށް އައިސްފައިވަނީ 2024 އޮކްޓޫބަރު 13 ވަނަ ދުވަހު ޓުއަރިސްޓް ވިސާގައެވެ. ފުލުހުންގެ ތަޙުޤީޤަށް ލިބިފައިވާ މަޢުލޫމާތުން އެނގޭ ގޮތުގައި، އޭނާ މާލޭގައި ހުރި ގެސްޓްހައުސްއަކުން ޗެކްއައުޓް ވެފައިވަނީ އޮކްޓޫބަރު 24 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
ފުލުހުން މަޢުލޫމާތު ދެއްވާ ގޮތުގައި، އޭނާ ގެސްޓްހައުސްއިން ޗެކްއައުޓްވި ފަހުން ރާއްޖެއިން ފުރައިގެން ގޮސްފައެއް ނުވެއެވެ. އަދި މިހާތަނަށް ކުރެވުނު ތަޙުޤީޤުތަކުން އޭނާ އުޅޭތަނެއް ނުވަތަ އޭނާއާ ބެހޭ އިތުރު މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.
މި މައްސަލައިގައި ފުލުހުންގެ ކަމާގުޅުންހުރި އެންމެހާ ބަހާތަކަށް މަޢުލޫމާތު ހިއްސާކުރެވި، އޭނާ ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ފުލުހުން ވަނީ އާންމު ރައްޔިތުންގެ އެހީތެރިކަން މި މައްސަލައިގައި އެދިފައެވެ.
ސޫ ޒިއޯނިންގއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގަންނަވާ ފަރާތްތަކުން 9911099 ނަންބަރަށް ގުޅުއްވައި، ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް އިންވެސްޓިގޭޝަނާ އެ މަޢުލޫމާތު ހިއްސާކޮށްދެއްވުމަށް ފުލުހުން އެދިވަޑައިގަންނަވައެވެ.
ކޮމެންޓް