ނިއުޔޯކް އަދި ކައިރި ސަރަހައްދުތަކުގައި ދިރިއުޅުއްވާ ބައެއް ދިވެހިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޢިއްޒު އަދި އެމެރިކާގައި ދިރިއުޅޭ ބަޔެއް ދިވެހިން

އެފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަކީ ކޮބައިކަން ބައްލަވައި އެކަންކަމުގައި ސަރުކާރުގެ ފަރާތުން ބޭނުންވާ ކަންކަންވެސް އޮޅުންފިލުއްވި

އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެމެރިކާގެ ނިއުޔޯކްއާ އަދި ކައިރި ސަރަހައްދުތަކުގައި ދިރިއުޅުއްވާ ބައެއް ދިވެހިންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ "އދ. އަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަން" ގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި ވަކިވަކި ބައިވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައެެވެ. އަދި އެމަނިކުފާނު ވަނީ އެފަރާތްތަކުގެ ހާލުއަހުވާލު އޮޅުންފިލުއްވައި އެފަރާތްތައް ބޭނުންވާކަންކަން ބައްލަވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އެފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަކީ ކޮބައިކަން ބައްލަވައި އެކަންކަމުގައި ސަރުކާރުގެ ފަރާތުން ބޭނުންވާ ކަންކަންވެސް އޮޅުންފިލުއްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމެރިކާގައި ދިރިއުޅޭ ދިވެހީން ފާހަގަކުރެއްވި ކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ރައްޔިތުންނާ ވީހާވެސްް ގާތުން ރައްޔިތުންގެ އަޑުއައްސަވައިގެން ސަރުކާރުގެ ސިޔާސަތުތައް އެކުލަަވާލެއްވުމަށް މަސައްކަތްކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ އދ. އަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.