ގަދަހެދުމުން ކޯޓަށް ހާޒިރުކުރީ ފުލުހުން ފޮނުވައިގެން

ކުރީގެ ނައިބް ރައީސް އަބްދުﷲ ޖިހާދާ

ދައުލަތުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޑޮކިއުމެންޓްތަކާ ހަވާލުވާން ޖިހާދު ދެކޮޅު ހެއްދެވުމުން، އެ ޑޮކިއުމެންޓްތައް ހަވާލުކުރަން ޖެހުނީ ފުލުހުން މެދުވެރިކޮށް، ޖިހާދު ކޯޓަށް ހާޒިރުކޮށްގެންކަން އެނގިއްޖެ އެވެ.

ޖިހާދުއާ ޑޮކިއުމެންޓްތައް ހަވާލުކުރަން ޖެހުނީ ފުލުހުން މެދުވެރިކޮށްކަން އެނގުނީ ހައިކޯޓުގައި މިއަދު ކުރިއަށްދިޔަ ޖިހާދުގެ ޝަރީއަތުގެ ތެރެއިންނެވެ.

އެ ޑޮކިއުމެންޓްތައް ގެއަށް ފޮނުވުމުން ގޭން އެ ޑޮކިއުމެންޓްތަކާ ހަވާލުވާން ދެކޮޅު ހެދީ އެވެ. އަދި ގޭގައި އުޅުނު މަސައްކަތު މީހަކު، ޖިހާދު ގޭގައި އުޅުއްވާކަމަށް މައުލޫމާތު ދިނުމަށްފަހު އޭގެއިރުކޮޅެއް ފަހުން ޖިހާދު ގޭގައި ނޫޅުއްވާ ކަމަށް އޭނާ ބުނި ކަމަށްވެ އެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސާވިސް އޮތޯރިޓީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ޖިހާދުގެ މައްޗަށް ދައުލަތުން މީގެކުރިން އިތުރު ދައުވާއެއްވެސް އުފުލި އެވެ. އެއީ އެމަނިކުފާނު ކުރިން ނައިބް ރައީސްގެ މަގާމުގައި ހުންނެވިއިރު އެ މަގާމުގެ ހައިސިއްޔަތުން ދިރިއުޅުއްވުމަށް ދައުލަތުން ހަމަޖައްސައިދީފައި ހުރި ރެހެންދި ފްލެޓް ހުސްނުކުރުމުގެ މައްސަލައިގައި އުފުލި ދައުވާ އެކެވެ.

ޖިހާދުގެ މައްޗަށް އޭރު ކޮށްފައިވާ ދައުވާއަކީ ފެބްރުއަރީ 17، 2020 ވަނަ ދުވަހާ ހަމައަށް ސަރުކާރުން ދޫކޮށްފައިވާ ދެ އެޕާޓްމަންޓް ހުސްނުކޮށް ބޭނުންކުރުމުގެ ދައުވާ އެވެ. އެހެންކަމުން ޖިހާދު އެތަނުގައި ދިރިއުޅުނު ދުވަސްތަކުގެ ކުއްޔާއި މެއިންޓަނަންސް ފީ އަދި ޔޫޓިލިޓީ ފީގެ ގޮތުގައި ދައްކަން ޖެހޭ 1,109,227.36 ރުފިޔާ އެއް ފަހަރާ ދައުލަތަށް ނަގައިދިނުމަށް ސިވިލް ކޯޓުގައި ދައުލަތުން އޭރު އެދިފައިވެ އެވެ. ނަމަވެސް ދައުލަތުން ވަނީ އެ މައްސަލަ ފަހުން އަނބުރާ ގެންގޮސްފަ އެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.