ފައިސަލް އިންޑިއާގެ މިނިސްޓަރާއެކު
މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން
ދިވެހިރާއްޖެ އާއި އިންޑިއާ ދެމެދު ފަތުރުވެރިކަމުގެ ގުޅުން ބަދަހިކުރުންމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް އާއި އިންޑިއާގެ ޓޫރިޒަމް މިނިސްޓަރ އޮނަރަބަލް ޝްރީ ގަޖެންދްރަ ސިންގް ޝެކާވަތް ބައްދަލު ކުރައްވައިފިއެވެ.
"ވެލްކަމް އިންޑިއާ ރޯޑްޝޯ" ގެ ހަވާސާގައި، އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވުނު މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނެވެ. އެގޮތުން، މި ބައްދަލުވުމުގައި އިންޑިއާއިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި ކުރެވެން ހުރި މަސައްކަތްތަކާމެދު ދެ ވަޒީރުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި މިކަމަށްޓަކައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ސީދާ ދަތުރުތައް އިތުރުކުރުމާމެދުވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުވެ، ފަތުރުވެރިކަމުގެ ސިނާޢަތަށް ފައިދާކުރާނެފަދަ މަޝްރޫޢުތަކަށް މަގުފަހިވެގެންދާނެ ކަމަށް ވަޒީރު އިބްރާހީމް ފައިޞަލް ޔަޤީންކުރައްވައެވެ.
"ވެލްކަމް އިންޑިއާ ރޯޑްޝޯ" އަކީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މާޓާޓޯ) އަދި ނޭޝަނަލް ހޮޓެލިއަރސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) ގުޅިގެން ކުރިޔަށްގެންދާ ރޯޑްޝޯއެކެވެ.
މި ރޯޑްޝޯ އަކީ މި ހިނގާ ޖުލައި މަހުގެ 30 ވަނަ ދުވަހުން އޮގަސްޓް 3 އާއި ހަމައަށް އިންޑިޔާގެ ދިއްލީ، މުމްބައި އަދި ބެންގަލޫރުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ރޯޑް ޝޯތަކެކެވެ.
ކޮމެންޓް