މުހައްމާ އާއި މުއާޒު
ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ހިމެނޭހެން ދެ މެންބަރެއްގެ ދައުރު ހަމަވެފައިވާތީ އެ ކޮމިޝަނަށް އައްޔަންކުރާނެ ދެ މެންބަރަކު ކަނޑައެޅުމަށް 12 ފަރާތެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
މި މަހުގެ ފަސްވަނަ ދުވަހަށް މަރިޔަމް ވަހީދާގެ އިތުރުން ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު އަލީ ޔޫސުފްގެ ދައުރު ހަމަވާނެތީ، ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލީ މިދިޔަ މަހުގެ 18 ގައެވެ. ނަމަވެސް އެ އިއުލާނު ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 28 އިން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށެވެ.
އެ ފުރުސަތުގައި ކުރިމަތިލީ 12 ފަރާތެއްގެ ނަން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފައެވެ. އޭގެ ތެރޭގައި އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ފިލްމް ޕްރޮޑިއުސަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނުކަން ކުރެއްވި އިބްރާހީމް މުއާޒް އަލީގެ ނަން ހިމެނެއެވެ.
އަދި ޓީވީގައި ގިނަ ދުވަހު މަސައްކަތްކުރި ދިޔާނާ ތާހިރާއި މަޝްހޫރު ޓީވީ ޕްރެޒެންޓަރު ޝިފްޒާ މުސްތަފާގެ އިތުރުން މީޑިއާ ކައުންސިލްގެ މެންބަރު އަލީ ނިޝާންގެ ނަން ވެސް މި ލިސްޓުގައި ހިމެނެއެވެ.
މީގެ ތެރެއިން ރައީސް އިސްކަން ދެއްވާފައި ވަނީ މުހައްމާ އަށާއި މުއާޒަށެވެ.
ދެން ރައީސް ހުށަހެޅުއްވި ނަންތަކަކީ:
އިބްރާހީމް އަޝްރަފް، ވ. މަށިވެލި
ލެފްޓިނަންޓް ކާނަލް ރިޓަޔާޑް ޒުބައިރު އާދަމް މަނިކު، ގ. މަލްވިނަ
އަބްދުﷲ ހުމައިދު، ފަޒާ / ޅ. ހިންނަވަރު
އާމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި
ޝިމްލާ އަހްމަދު، އާސްޓްރަލްގެ / އައްޑޫ ހިތަދޫ
އިސްމާއީލް ޝަފީގް، މ. ސްލީޓް
މުހައްމަދު ޝަމީމް، ހ. ޕްރެޓީވިލާ
މި ނަންތައް ދިރާސާކުރުމަށް ރިޔާސަތުން ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފައެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގައި މިހާރު ތިއްބަވަނީ:
ނައިބު ރައީސް މުހައްމަދު ފަޒީން
އާމިނަތު އަމީނާ
ޝިފްލާ އިބްރާހީމް
ސަފާ ޝަފީގް
އާމިނަތު ނުޒުހާ
ކޮމެންޓް