ޓޫރިސްޓު ވިސާއާ ހިލާފުވެގެން ހިފަހައްޓާފައިވާ ދެ މީހުން
ޓޫރިސްޓު ވިސާގައި ރާއްޖެ އައިސް ވިޔަފާރިކުރުމުގައި އުޅުނު ސީރިއާ މީހަކާއި ޖޯޑަން މީހަކު ޑީޕޯޓްކުރަން ނިންމައިފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު މީޑިއާގައި ހާމަ ކުރި ޕޯސްޓެއްގައި ބުނީ އެ މައްސަލަ ބެލީ އެ އިދާރާއަށް ލިބުނު ރިޕޯޓަކާ ގުޅިގެން ކަމަށެވެ.
އިމިގްރޭޝަނުން ހިފަހައްޓާފައި ވަނީ ސީރިއާގެ 19 އަހަރުގެ އަންހެނަކާއި ޖޯޑަންގެ 24 އަހަރުގެ ފިރިހެނެކެވެ. އެ މީހުން ރާއްޖެ އައި ދުވަހެއް އިމިގްރޭޝަނުން އަދި ނުބުނެ އެވެ.
އެ ދެމީހުން ޑީޕޯޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެ އިމިގްރޭޝަނުން ބުނީ މިގޮތަށް ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް އެ އިދާރާއަށް ރިޕޯޓްކުރުމަށް އެދޭ ކަމަށެވެ.
ޓޫރިސްޓް ވިސާގައި ރާއްޖެ އެތެރެވެ، މާލެ ތެރޭގައި ވިޔަފާރިކޮށް، އާއްމު ތަންތަނުގައި ނިދައި އުޅުނު ޗައިނާގެ ޓޫރިސްޓަކު ވެސް އިމިގްރޭޝަނުން ވަނީ މިދިޔަ މަހު ހިފަހައްޓައިފަ އެވެ.
ކޮމެންޓް