ރާއްޖެއާއި އިންޑިޔާގެ ގުޅުމަކީ ވަރަށް ދުވަސްވީ ގުޅުމެއް: ވަޒީރު ޙަލީލް

ވަޒީރު ޙަލީލް

ވިއޯންއަށް ދެއްވި އިންޓަރވިއުއެއްގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮތީ ޒަމާންވީ ގާތްގުޅުމެއްކަމަށެވެ.

އެގުޅުން ދެމެހެއްޓުމުގައި ދެޤައުމުންވެސް އެންމެ އިސްކަމެއްދެނީ ދެޤައުމުގެ ދެމެދުގައި އޮތް އިޙްތިރާމާއި އިތުބާރުކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އިންޑިއާއިން ރާއްޖެއަށް ޚާއްސަ އިސްކަމެއްދެއްވާކަން ރާއްޖެއިން ޤަބޫލުކުރާކަމަށާއި، އެކަން އެންމެ ބޮޑަށް ހާމަވާ ކަންތައްތަކަކީ މިހާރުވެސް ރާއްޖޭގައި އިންޑިއާގެ އެހީތެރިކަމާއެކު ކުރިއަށްދާ ތަރައްޤީގެ އެތައް މަޝްރޫޢެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

" އެތައް މަޝްރޫޢެއް އެބަ ކުރިއަށްދޭ އިންޑިއާގެ އެހީތެރިކަމާއެކު. 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕްގެ މަސައްކަތް ރައީސްގެ ދަތުރުފުޅަށްފަހު ވަގުތުންވަނީ ފެށިގެން ގޮސްފައި. މީގެއިތުރުން ކަރަންސީ ސެޓަލްމަންޓްގެ މަސައްކަތްވެސްދަނީ ކުރަމުން، ހަމައެއާއެކު 60 މިލިއަން ޑޮލަރުގެ އިޖުތިމާޢީ އެކި އިތުރު ޕްރޮގްރާމްތަކުގެ މަސައްކަތްވެސް އެބަކުރިއަށްދޭ" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ތަރައްޤީގެ އިތުރުން ސަލާމަތީ ދާއިރާއިންވެސް ދެޤައުމު ގުޅިގެން ސަރަޙައްދީ ސުލްޙަ ދެމެހެއްޓުމަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ. ވަޒީރު ވިދާޅުވީ، ތިލަމާލޭ ބްރިޖް މަޝްރޫޢަކީ މިވަގުތު ރާއްޖޭގައި ކުރިއަށްދާ އެންމެ ބިޔަ އެއް މަޝްރޫޢުކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު މިމަސައްކަތް އަވަސްކުރުމަށް ދެޤައުމުގެ އިސްވެރިންގެ މެދުގައި އެކިފަހަރުމަތިން މަޝްވަރާތައް ކުރިއަށްގެންދަވާފައިވާކަމަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.