ޑރ. މަންމޯހަން ސިންގްގެ ތައުޒިޔާގެ ދަފްތަރުގައި ރައީސް ސޮއިކުރައްވައިފި

ސިންގެ ތައުޒިޔާގެ ދަފްތަރުގައި ރައީސް ސޮއިކުރެއްވުން

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގްގެ ހަނދާނުގައި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވައިފިއެވެ.

ދަފުތަރުގައި ސޮއިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި މެސެޖުގައި ވަނީ ޑރ. ސިންގްއަކީ ތަޖުރިބާކާރު ސިޔާސީ ބޭފުޅެއް ކަން ފާހަގަކުރައްވާފައެވެ. ހާއްސަކޮށް ހިކުމަތްތެރި ނިންމެވުންތަކާއެކު އެތައް ބައެއްގެ އިހްތިރާމް ހޯއްދަވާފައިވާ ޝަހްސެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޑރ. ސިންގް ރާއްޖެއަށް ކުރެއްވި ތާރީހީ ދަތުރުފުޅުގެ ހަނދާންތައް އައުކުރައްވައި، ރައީސް ވިދާޅުވީ އެ ދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެ އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުމުގެ އުއްމީދުތަކަށް އިތުރު ހަރުދަނާކަމެއް ލިބިގެންދިޔަ ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ ފުން ހިތާމައިގެ މިދަނޑިވަޅުގައި ޑރ. ސިންގްގެ އާއިލާއަށާއި އިންޑިއާގެ ސަރުކާރާއި ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވަމުންނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.