ފިނޭންސް މިނިސްޓިރީ
ފިނޭންސް މިނިސްޓްރީން އެންމެފަހުން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް ދައްކާ ގޮތުން ލޯނުތައް ދެއްކުމަށް ކުރި ހޭދައާއެކު މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 48.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 46.5 ބިލިއަން ރުފިޔާގަ އެވެ. ލޯނަަށް ކުރި ހޭދަ ނުހިމަނައި ދައުލަތުގެ ހަރަދު މި އަހަރުގެ މި މުއްދަތުގައި ހުރީ 45.9 ބިލިއަން ރުފިޔާގަ އެވެ. މީގެ ތެރެއިން 32 ބިލިއަން ރުފިޔާ -- 70 ޕަސެންޓަކީ ރިކަރަންޓް ހަރަދެވެ.
އެ ގޮތުން މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް އަދި ޕެންޝަނަށް 12.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު އިދާރީ އަދި ހިންގުމުގެ ހަރަދަށް 19.4 ބިލިއަން ރުފިޔާ ހަރަދުކުރި އެވެ. މުސާރަ އާއި އިނާޔަތް އަދި ޕެންޝަނަށް މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރީ 11 ބިލިއަން ރުފިޔާ އެވެ. އިދާރީ އަދި ހިންގުމުގެ ހަރަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 18.7 ބިލިއަން ރުފިޔާގަ އެވެ.
ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް މި އަހަރު 10.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 11.4 ބިލިއަން ރުފިޔާގަ އެވެ.
ދައުލަތަށް މިއަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި 32.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު މީގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 24.8 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 7.2 ބިލިއަން ރުފިޔާ ހިމެނެ އެވެ. މީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި 612 މިލިއަން ރުފިޔާ ލިބުނެވެ.
ކޮމެންޓް