ގެދޮރާއި އުމްރާނީ ތަރައްޤީގެ ގޮތުން ޤައުމު ބިނާކުރާ ފަދައިން، ފިކުރާއި ސިކުނޑީގެ ގޮތުންވެސް ޤައުމު ބިނާކުރަން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފި

ރައީސް ޑރ. މުޢިއްޒު ވާހަކަފުޅު ދައްކަވަނީ

މުދައްރިސުންނާ މުޚާޠަބުކުރައްވަމުން އެމަނިކުފާނު ވަނީ، އިންސާނިއްޔަތާއި، އަޚުލާޤާއި، މައުނަވީ ހަރުދަނާކަން އަދުގެ ޖީލުތަކުގައި އަށަގެންނެވުމަށް މުދައްރިސުންގެ އެއްބާރުލުން މުހިންމުވާ މިންވަރުގެ މައްޗަށް އަލިއަޅުއްވާލައްވާފަ

ގެދޮރާއި އުމްރާނީ ތަރައްޤީގެ ގޮތުން ޤައުމު ބިނާކުރާ ފަދައިން، ފިކުރާއި ސިކުނޑީގެ ގޮތުންވެސް ޤައުމު ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދަކީ ރާއްޖެ އިސްލާމްވި ދުވަހުގެ އިތުރުން މުދައްރިސުންގެ ދުވަސްކަމުގައި ވާތީ މުދައްރިސުންނާ މުޚާޠަބުކުރައްވަމުން އެމަނިކުފާނު ވަނީ، އިންސާނިއްޔަތާއި، އަޚުލާޤާއި، މައުނަވީ ހަރުދަނާކަން އަދުގެ ޖީލުތަކުގައި އަށަގެންނެވުމަށް މުދައްރިސުންގެ އެއްބާރުލުން މުހިންމުވާ މިންވަރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން، ދިވެހި ދަރީންނަކީ ދިވެހި ޤައުމިއްޔަތަށް އަހުލުވެރި، ދިވެހީންގެ ހަރުދަނާ، މާތް ސިފަތަކުން ޒީނަތްތެރިވެފައި ތިބި، މަސައްކަތްތެރިކަމާއި، އުފެއްދުންތެރިކަމާއި، މަސްއޫލިއްޔަތު އުފުލުމުގައި ޝައުޤާއި ޤާބިލުކަން ލިބިފައިތިބި ދަރީންތަކަކަށް ހަދައިދިނުމަށް، މުދައްރިސުން އެއްބާރުލުން ދެއްވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

މިކަމުގައި ޢާންމު ރައްޔިތުންގެ އެއްބާރުލުންވެސް ބޭނުންވާނޭކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ފަދަ ދަރީންތަކެއް ބިނާކުރުމަށްޓަކައި، އާރާސްތުކުރަންޖެހޭ އަޚުލާޤީ އެތައް ބިނާއެއް އެބަހުރިކަމަށް ވިދާޅުވެފައެވެ. އަދި ކީރިތި ޤުރުއާނުން އެނގޭ ފަދައިން ޙާލަތު ބަދަލުކުރުމަކީ ދިވެހިންގެ އަމިއްލަ މަސްއޫލިއްޔަތެއްކަންވެސް އެމަނިކުފާނު ވަނީ ހަނދުމަކޮށްދެއްވާފައެވެ.

ފިކުރާއި ސިކުނޑީގެ ގޮތުން ޤައުމު ބިނާކުރުމުގެ ޝިޢާރަކީ ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކުރައްވަމުން ގެންދަވާ ޝިޢާރެކެވެ. މިއަހަރުގެ ފެބްރުއަރީ މަހު އިއްވެވި ރިޔާސީ ބަޔާނުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހި ސަރުކާރުގެ ފަލްސަފާއަކީ، ޤައުމު އާރާސްތުކޮށް ބިނާކުރާ ފަދައިން، ޤައުމުގެ ކޮންމެ ރައްޔިތަކުވެސް ހެޔޮގޮތުގައި ބިނާކޮށްދިނުންކަމުގައި ވިދާޅުވެފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.