ކެބިނެޓަށް ބޮޑު ބަދަލެއް

ކެބިނެޓް

މިނިސްޓްރީގެ ބައެއް މަސައްކަތްތައް އެހެން މިނިސްޓްރީތަކުގެ ދަށަށް ބަދަލުކޮށް އެ މިނިސްޓްރީތަކުގެ ޕޯޓްފޯލިއޯތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބަދަލުތަކެއް ގެންނަވައިފި އެވެ.

އެގޮތުން ހައުސިން މިނިސްޓްރީން ކުރަމުންދިޔަ ޕްލޭނިންގެ މަސައްކަތްތައް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކޮށް، ފިނޭންސް މިނިސްޓްރީގެ ނަން ވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންއަށް ބަދަލުކޮށްފަ އެވެ. އެ މިނިސްޓްރީގެ ވަޒީރަކީ މިހާރުވެސް އެ މަގާމުގައި ހުންނެވި މޫސާ ޒަމީރު އެވެ.

ހައުސިން އާއި އިންފްރާސްޓްރަކްޗާ އެއްކޮށްލުމަށްފަހު އެ މިނިސްޓްރީގެ ނަން ވަނީ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާއަށް ބަދަލުކޮށްފަ އެވެ. އެ މިނިސްޓްރީގެ ވަޒީރަކީ ޑރ. އަބްދުﷲ މުއްތަލިބް އެވެ.

ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ. އަލީ ހައިދަރު އަހްމަދު އައްޔަންކުރައްވާފައިވަނީ މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓަށެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓަރަކަށް ކުރިން ހުންނެވި ޑރ. މަރިޔަމް މާރިޔާ އައްޔަންކުރައްވާފައިވަނީ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ މިނިސްޓަރު ކަމަށެވެ.

ކެބިނެޓަށް ގެންނެވި މިބަދަލާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މިނިސްޓްރީތަކަށް ވަޒީރުން މިއަދު އަލުން އައްޔަންކުރައްވާފަ އެވެ. ކެބިނެޓަށް ބަދަލު ގެނައި ސަބަބެއް ސަރުކާރުން ނުބުނެ އެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.