ޣައްޒާގައި އިސްރާއީލުގެ ލަޝްކަރުތައް ބަލިވާނެކަން ޔަގީން
އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމުތައް ހުއްޓާލައި .
މިގޮތުން އިއްޔެ ވެސް ހަމާސްއިން ވަނީ ދިރިތިއްބައި އަސީރުން މިނިވަންކުރަން ބޭނުންނަމަ ޣައްޒާގައި ހިންގާ ގަތުލުއާންމުތައް ހުއްޓާލައި ޣައްޒާއިން ފޭބުން ނޫންގޮތެއް ނޯންނާނެކަމާއި ހަމާސްއިން ތިބީ އެތައް އަހަރަކު އިސްރާއީލާ ދެކޮޅަށް ހަނގުރާމަ ކުރަންޖެހުނަސް އެކަން ކުރާގޮތަށްކަން އިސްރާއީލަށް ހަނދާންކޮށްދީފައެވެ.
ޣައްޒާ އެއްކޮށް މިނިވަންކޮށް ޣައްޒާއާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް އެއްކޮށް ދޫކޮށްލަންދެން ހަނގުރާމަ ކުރިޔަށްގެންދާނެ ކަމަށް ހަމާސްގެ ލީޑާޝިޕްގައި ހިމެނޭ އިސްވެރިއެއް ކަމަށްވާ ސާމީ އަބޫޒަހުރީ ވިދާޅުވިއެވެ.
އިސްރާއީލުގެ ހަރުކަށި ވެރިންނަށް އަމާޒުކުރައްވައި ސާމީ ވިދާޅުވީ ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓާނުލައި އަދި ޣައްޒާއިން ނުފާބައި އަސީރުން މިނިވަންކުރެވޭނެ ކަމަށް ދެކޭނަމަ އެއީ ހުވަފެނެއް ކަމުގައެވެ. އަޞޫ ޒަހުރީ ވިދާޅުވި ގޮތުގައި ޣައްޒާގައި މުޖާހިދުން ތިބީ ވަރަށް ވަރުގަދަކޮށެވެ. އެތައް އަހަރަކަށް ދިގުލައިގެންދާނެ މިނިވަންކަމުގެ ހަނގުރާމައަކަށް ތައްޔާރުވެގެންނެވެ. މި ހަނގުރާމަ ކާމިޔާބުކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމާއި އެކަމުގެ ހިތްވަރާއި ފަންވަރު މުޖާހިދުންގެ ކިބައިގައި އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުންގެ އެކަކު ވެސް ބާރުގެ ބޭނުންކޮށްގެން އިސްރާއީލަށް މިނިވަން ކުރެވިފައެއް ނުވެއެވެ. މި ކަމަށްޓަކައި އިސްރާއީލުން ބައި ލައްކައަކަށް ވުރެ ގިނަ ސިފައިން ނެރިގެން އެމެރިކާގެ ޒަމާނީ ހަތިޔާރު ބޭނުންކޮށްގެން ހަނގުރާމަކުރާތާ ހަތް މަސްވީއިރު ވެސް އަސީރުންގެ އެކަކު ވެސް މިނިވަން ކުރެވިފައެއް ނުވެއެވެ. އަދި، އަސީރުން ތިބި ތަނެއް ވެސް އެމެރިކާގެ އެހީގައި ވެސް އިސްރާއީލަށް ދެނެގަނެވިފައެއް ނުވެއެވެ.
އަސްކަރީ ގޮތުން އިސްރާއީލަށް ކުރިމަތިވާ ނާކާމިޔާބީތަކުގެ ބަދަލު އިސްރާއީލުން ހިފަނީ ޣައްޒާގެ އާންމުންނާ ދެކޮޅަށެވެ. އާންމުންގެ ގެދޮރަށާއި ރެފިއުޖީ އަވަށްތަކާއި އާންމުން އެއްވެއުޅޭ ތަންތަނަށާއި ހޮސްޕިޓަލްތަކަށް ބޮންއަޅައިގެން އިސްރާއީލުން ކޮންމެ ދުވަހަކު އެވްރެޖްކޮށް ޣައްޒާގެ އާންމުންގެ ސަތޭކައެއްހާ މީހުން ޝަހީދުކޮށްލައިގެންނެވެ. އަދި، އެއަށްވުރެ ގިނަ އަދަދެއްގެ މީހުން ޒަޚަމްކޮށްލައިގެންނެވެ.
މީގެ އިތުރުން، ޣައްޒާއަށް ކާބޯތަކެއްޗާއި ބޭސްފަދަ އިންސާނީ އެހީގެ ތަކެތި ވެއްދުން މަނާކޮށް ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސުމުގެ މުޑުދާރު ޖަރީމާތައް ވެސް އިސްރާއީލު ގެންދަނީ ފުޅާ ދާއިރާއެއްގައި ހިންގަމުންނެވެ. ނަމަވެސް، ފަލަސްތީނުގެ އާންމުން ދެކޭގޮތުގައި މިނިވަންކަމުގެ ހަނގުރާމައަކީ މިފަދަ ވޭންދެނިވި ހަނގުރާމައެކެވެ.
އިންޑިއާާއާއި އަލްޖަޒާއިރު ފަދަ ދުނިޔޭގެ އެތައް ގައުމަކަށް މިނިވަންކަން ލިބިފައިވަނީ މިލިއަނުން މީހުން މަރުވެގެންނެވެ. އަދި، މިގޮތަށް ވޭނުގައި އެތައް ގަރުނެއް ވޭތުކުރާ ފަހުންނެވެ. ފަލަސްތީނު ވެސް ކުރިމަތިލާންޖެހިފައިވަނީ މިފަދަ ދިގުލީ މިނިވަންކަމުގެ ހަނގުރާމައަކާއެވެ. މިނިވަންކަމުގެ ހަނގުރާމައަކީ ހާހަކާއި ސުމަކާ ދެމެދުގައިވާ ފަރަގު ހުންނަ ދެ ފަރާތެއްގެ މެދުގައި (މުސްތައުމިރުންނާއި މިނިވަންކަމަށް މަސައްކަތްކުރާ މުޖާހިދުންނާ ދެމެދު) ކުރެވޭ ހަނގުރާމައަކަށްވާތީ މި ހަނގުރާމައި ދިގުލައިގެންދާނެއެވެ.
ހުރިހާ ހަތިޔާރަކާއި ވަސީލަތްތައް ލިބިފައިވާ އަދި ދުނިޔޭގެ ބާރުތަކުގެ ހިމާޔަތް ލިބިފައިވާ މުސްތައުމިރު ބަލިކުރުމަކީ ދިގުލައިގެންދާނެ އަދި ލައްކައިން ނުވަތަ މިލިޔަނުން މީހުން މަރުވާނެ ހަނގުރާމައެކެވެ. ނަމެވެސް، އާޚިރުގައި މިނިވަންކަމަަށް ކާމިޔާބު ލިބޭނެއެވެ. އިނގިރޭސި އިސްތިއުމާރާއި އެ ނޫން ވެސް އިސްތިއުމާރުތައް ދުނިޔޭގައި ބަލިކަށިވެ، އިނދަޖެހުނީ ދިގު މުއްދަތަކުންނެވެ.
ޣައްޒާގެ އާންމުން މެރުމުގެ މި ޖަރީމާތަކުގެ ބޭނުމަކީ ޣައްޒާ ދޫކޮށް ދިޔުމަށް އާންމުންނަށް މަޖުބޫރުކުރުމާއި އިސްރާއީލަށް އަމާންދިނުމަށް ހަމާސްގެ މުޖާހިދުންނަށް މަޖުބޫރު ކުރުވުމެވެ. ނަމަވެސް، ޣައްޒާގެ އާންމުން ތިބީ އެ މީހުންގެ އަމިއްލަ ވަޒަން ދޫކޮށްލާފައި އެހެންތާކަށް ދާގޮތަކަށް ނޫނެވެ. ޣައްޒާގައި ޝަހީދުވާ ގޮތަށެވެ. ދުނިޔޭގެ ކަންކޮޅުތަކުން ޔަހޫދީން ގެނެސް ޣައްޒާގައި ވަޒަންވެރިކުރުވައި އެ ތަން ޔަހޫދީ ތަނަކަށް ހަދަން އިސްރާއީލަށް ފުރުސަތު ދޭގޮތަކަށް ނޫނެވެ.
ހަމާސްއާއި ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ މުޖާހިދުން ވެސް ތިބީ އާންމުން މެރި ނަމަވެސް އިސްރާއީލަށް އަމާންދޭ ގޮތަކަށް ނޫނެވެ. އިސްރާއީލުގެ އަނިޔާވެރިކަމާ ކުރިމަތިލުމުގައި މުޖާހިދުންނަށް ލިބިފައިވާ އެންމެ ވަރުގަދަ ކާޑު ކަމަށްވާ ޔަހޫދީ އަސީރުން މިނިވަންކުރާ ގޮތަކަށް ވެސް ނޫނެވެ.
ސަބަބަކީ އިސްރާއީލަށް އަމާންދިނަސް އިސްރާއީލުން ފަލަސްތީނުގެ އާންމުން މެރުން ހުއްޓާނުލާނެތީއެވެ. އަދި، އަމާން ދިނަސް ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ނުފައިބާނެތީއެވެ. އަދި، ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމުގެ އެއްވެސް ފުރުސަތެއް އިސްރާއީލު ނުދޭނެކަން އެނގޭތީއެވެ. ސާމީ އަބޫޒަހުރީ ވިދާޅުވި ގޮތުގައި ހަމާސްއިން ކުރަނީ މިނިވަންކަމުގެ ހަނގުރާމައެކެވެ. މި ހަނގުރާމަ ދިގުލައިގެން ހިނގައިދާނެއެވެ. ނަމަވެސް މިނިވަންކަމުގެ ޖިހާދުގައި އިސްރާއީލުގެ އިސްތިއުމާރުގެ މައްޗަށް ނަސްރު ލިބޭނެކަން ޔަގީނެވެ.
ހަމާސްއާއި ޣައްޒާގައި ހަރަކާތްތެރިވާ އެ ނޫން ވެސް މުޖާހިދުން ގެންދަނީ ޣައްޒާއަށް ވަދެގަނެގެން އުޅޭ ޔަހޫދީ ސިފައިންނަށް އަމާޒުކޮށް ވަރަށް ކާމިޔާބު ހަމަލާތަކެއް ދެމުންނެވެ. އިއްޔެ ވެސް މުޖާހިދުން ދިން ހަމަލާތަކުގައި ޔަހޫދީ ސިފައިންގެ އެކަކު މަރުވެ، 28 މީހުން ޒަޚަމްވިއެވެ. އޭގެ ތެރެއިން އެތައް ބަޔަކު ޒަޚަމްވެފައިވަނީ ފުރާނައަށް ނުރައްކާވާ މިންވަރަށް ކަމަށް ޚުދު އިސްރާއީލުން ވަނީ އިއުތިރާފުވެފައެވެ. ހަމާސްއިން ބުނާގޮތުން އިސްރާއީލު ސިފައިންގެ ހަތް މީހަކު މަރާލެވުނެވެ. އަދި، 50 މީހުން ޒަޚަމްކޮށްލެވުނެވެ.
އިސްރާއީލަކީ އާބާދީ ކުޑަވެފައި، އާބާދީ އިތުރުވާ ރޭޓް ސުމަކަށް ވުރެ ވެސް ދަށުގައި އުޅޭ ގައުމަކަށްވާތީ މަދުމަދުން ނަމަވެސް ސިފައިން މަރުވުމަކީ ދިގުމުއްދަތަކަށް އިސްރާއީލަށް ތަހައްމަލުކުރެވޭނެ ކަމެއް ނޫނެވެ. މިއީ އިސްރާއީލުގެ އެންމެ ބޮޑު ބަލިފައެވެ. މޭންޕަވާ ނެތުމެވެ.
އިސްރާއީލު ސިފައިން މީގެ ފަންސަވީހަކަށް އަހަރުކުރިން ދެކުނު ލުބްނާނަށް އަރައި އެ ތަން ވެސް ހައެއްކަ އަހަރު ހިފައިގެން ތިއްބެވެ. ނަމަވެސް، ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުގެ ހަމަލާތަކުގައި އިސްރާއީލު ސިފައިން މަދުމަދުން ނަމަވެސް މަރުވާން ފެށުމާއި އެކަން ހުއްޓުވޭނެ އެއްވެސް ގޮތެއް ނެތުމުން އިސްރާއީލަށް ޖެހުނީ ހައެއްކަ އަހަރު ފަހުން ދެކުނު ލުބްނާނުން ފައިބާށެވެ. އެތަން ދޫކޮށްދާށެވެ.
ޣައްޒާގައި ހަމާސްއިން އެއްގަމު މަގުން އިސްރާއީލާ ދެކޮޅަށް ކުރަނީ ގެރިއްލާ ނުވަތަ ފިދާއީ ހަނގުރާމައެވެ. މިއީ އިސްރާއީލަށް ވަރަށް ގެއްލުން ދެނިވި ހަނގުރާމައެކެވެ. އެމެރިކާ ވެސް ވިއެޓްނާމާއި އަފްޣާނިސްތާނުގައި ބަލިވީ ގެރިއްލާ ހަނގުރާމައަށް ކެތްނުކުރެވިގެންނެވެ.
އިސްރާއީލަށް ކާމިޔާބު ލިބެނީ ވައިގެ މަގުން ބޮންއަޅާފައި ފިލާ ހަނގުރާމަތަކުގައެވެ. ވައިގެ މަގުން ބޮންއަޅައިގެން ހަމާސް ބަލިނުކުރެވުނެވެ. އެއީ، ހަމާސްގެ މުޖާހިދުން ބިމުގެ އަޑީގައި ބިންގަރާސް ހަދައިގެން ތިބޭތީއެވެ.
މުޖާހިދުން މިހާރު އިސްރާއީލު ސިފައިންނަށް ހަމަލާދެނީ އިސްރާއީލުން ބޮންއަޅައި ހަލާކުކޮށްލާފައިވާ ޣައްޒާގެ އިމާރާތްތަކުގެ އެތެރޭގައި ފިލައި ތިބެގެންނެވެ. ކުއްލި ގޮތަކަށް އިސްރާއީލުގެ ޓޭންކްތަކާއި އާމެޑް ވެހިކަލްތަކަށް ހަމަލާދީ އޭގައި ތިބޭ ސިފައިންނާ އެކު އެ ތަކެތި ގޮއްވާލައިގެންނެވެ. އަދި، ބިންގަރާސްގޮތަށް ތަންތަން ދައްކައިގެން އެ ތަންތަނުގައި ހަމާސްގެ މުޖާހިދުން ތިބޭނެކަން ދެއްކުމަށް ފަހު އިސްރާއީލު ސިފައިން ވައްދައި އެ ތަންތަން ގޮއްވާލުމުގެ އުކުޅުތައް ބޭނުންކޮށްގެންނެވެ.
މިއީ ނިޒާމީ ލަޝްކަރެއްގެ ގޮތުގައި ތަމްރީން ލިބިފައިވާ އިސްރާއީލު ސިފައިންނަށް ހަނގުރާމަ ކުރެވޭނެ ގޮތެއް ނޫނެވެ. އިސްރާއީލު ސިފައިން ތަމުރީންކޮށްފައިވަނީ ބޮންއަޅައިގެން ތަންތަން ހަލާކުކުރުމަށެވެ. ނަމަވެސް، ހަމައެކަނި ބޮންއަޅައިގެން ޣައްޒާގެ ބިން ނުހިފޭނެއެވެ. އަދި، ހަމާސް ވެސް ހަލާކުކޮށެއް ނުލެވޭނެއެވެ. އެހެންކަމުން އިސްރާއީލު ސިފައިންވަނީ ޣައްޒާގައި ބިންމަތީ ހަނގުރާމަ ކުރަންޖެހިފައެވެ.
މިއީ އިސްރާއީލު ސިފައިންނަށް ވަރަށް ލޭއޮހޮރުވުން ބޮޑު ހަނގުރާމައެކެވެ. މިކަމުގެ ސަބަބުން އިސްރާއީލު ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. އިއްޔެ ޣައްޒާގެ ޖަބަލިޔާ އަވަށުގައި އިސްރާއީލު ސިފައިންގެ އެކަކު މަރާލައި 28 މީހުން ޒަޚަމްކޮށްލާފައިވާއިރު މިއަދު ރަފްހުގައި ވެސް އިސްރާއީލު ސިފައިންގެ މީހަކު ވަނީ މަރާލާފައެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫވަނީ ޣައްޒާގައި އިސްރާއީލު ކުރަން ޖެހިފައިވަނީ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ވަރަށް ވޭންދެނެވި ހަނގުރާމައެއް ކަމަށް އިއްޔެ އެއްބަސްވެފައެވެ. ސިފައިންގެ ތެރޭގައި ތިބި ޒުވާނުން ކޮޅު މަރުވަމުންދިޔުމަކީ ކެތްކުރެވޭ ވަރަށް ވުރެ މާ އަސަރު ގަދަ ކަމެއް ކަމަށް ނަތަންޔާހޫ ބުނެފައިވެއެވެ. ފަލަސްތީނުގެ ބިންތަކުން ފައިބައި ހުޅަނގު އައްސޭރިއާއި ޣައްޒާގައި ފަލަސްތީނަށް ދައުލަތެއް ބިނާކުުރުމަށް އޭނާ ވަނީ ދެކޮޅު ހަދާފައެވެ.
ކުރިން ދެކުނު ލުބްނާނުން ލިބުނު ގެއްލުންތައް މިހާރު ޣައްޒާގައި އިސްރާއީލު ސިފައިންނަށް ލިބެމުންދާތީ ސިފައިންގެ ތެރެއަށް ވަންނާނެ މީހުން ނުލިބުމާއި މަރަށް ބިރުން ހަނގުރާމައަށް ނުކުތުމަށް ސިފައިން ފަސްޖެހޭ މައްސަލަ އިސްރާއީލުގެ ލަޝްކަރުތަކަށް ވަނީ ކުރިމަތިވެފައެވެ.
ކޮމެންޓް