އީސީ އަދި އޭސީސީ ހިމެނޭހެން 5 މެންބަރަކު ވަކިކުރަން ނިންމައިފި

އަލީ ނަޝާތު

ބައެއް މިނިވަން މުއައްސަސާތަކުގެ ބައެއް މެންބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަލީ ނަޝާތާއި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ނައިބު ރައީސް އަބްދުއްސަލާމް ހިމެނޭހެން އެ ދެ ކޮމިޝަނުން ޖުމްލަ ފަސް މެންބަރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ނިންމައިފިއެވެ.

މިއަދު ސިއްރުކުރި ބައްދަލުވުމުގައި، އަބްދުއްސަލާމާއި ނަޝާތުގެ އިތުރުން ކޮމިޓީން ދެން ވަކިކުރަން ނިންމީ:

  • އޭސީސީގެ މެންބަރު ތޯހާ މުހައްމަދު

  • އީސީގެ މެންބަރުން މުހައްމަދު އާސިފާއި ޑރ. މުހައްމަދު ޒާހިރު

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ވަކިކުރުމުގެ މައްސަލަ ބެލި ނަމަވެސް، ކޮމިޓީން ނިންމީ އޭނާ ވަކިނުކުރުމަށެވެ.

މި މަހުގެ 12 ވަނަ ދުވަހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ، ހަ ބޭފުޅުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ. އެގޮތުން މި ހަ ބޭފުޅުން ވަކިކުރުމަށް އެދި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ހުސައިން ރިޒާ ވަކިވަކިން ފޮނުއްވި ސިޓީތަކުގައިވާ ގޮތުން:

  • ސީއެސްސީގެ ރައީސާއި އޭސީސީ އާއި އީސީގެ ނައިބު ރައީސް ހިމެނޭހެން ޖުމްލަ ހަ މެންބަރަކު ވަނީ އަމިއްލަ މަގްސަދެއް ހާސިލްކުރުމަށް މަސައްކަތްކުރި ކަމަށް ތުހުމަތުކުރައްވާފައި

  • އަދި ކޮމިޓީ އަށް އެ މެންބަރުންގެ ޝަކުވާ ވެސް ލިބިފައިވޭ

މީގެ އިތުރުން، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ، އީސީ އާއި އޭސީސީގެ ވެރިން އައްޔަންކުރުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާ އަށް ދޭ ގޮތަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކަށް އުނިއިތުރެއް ނުގެނެސް ފާސްކުރަން ފެންނަ ކަމަށް މިދިޔަ ބުދަ ދުވަހު ނިންމައިފައެވެ.

ބެލެވޭގޮތުގައި މާދަމާގެ ޖަލްސާގައި މެންބަރުން ވަކިކުރުމަށާއި، އީސީ އާއި އޭސީސީ އަށް ވެރިން އައްޔަންކުރުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާ އަށް ދޭ ގޮތަށް ސަރުކާރުން ހުށަހެޅި އިސްލާހުތައް ފާސްކުރަން ފެނޭތޯ ވޯޓަށް އެހުން އޮންނާނެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.