މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި އެއްވެސް ތަފުސީލެއް ނެތުމުން "ވާނުވާއެއް ނޭނގޭ" ކަމަށް ސިޔާމް ވިދާޅުވިއެވެ.
މިއަދު ބަޖެޓު އަނބުރާ ފޮނުވާލަން މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ގޮވާލައްވައިފި އެވެ.
ބަޖެޓު ބަހުސްގައި ވާހަކަ ދައްކަމުން ސިޔާމް ވިދާޅުވީ، އޭނާ މަޖިލީހުގައި ހޭދަ ކުރައްވާ 21 އަހަރުގެ ތެރެއިން މިއީ ތަފްސީލެއް ނެތް ގޮތުގައި މަޖިލީހަށް ހުށަހެޅި ފުރަތަމަ ބަޖެޓު ކަމަށެވެ. ބަޖެޓެއް ހުށަހަޅާއިރު، ތަފްސީލް އެނގެން ޖެހޭ ކަމަށާއި ރަށްރަށުގެ ތަރައްގީއާ ބެހޭ ވާހަކަތައް ބަޖެޓުގައި ނެތުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ސިޔާމް ވިދާޅުވި އެވެ.
ތައުލީމަށް ހަރަދު ކުރާ އަދަދު ބަޖެޓުގައި ހިމަނާފައިވާއިރު، އެއީ ކޮން ގޮތަކަށް ކޮން ތަނަކަށް ކުރެވޭނެ ހަރަދެއް ކަން އެނގެން ރައްޔިތުން ބޭނުންވާނެ ކަމަށެވެ.
"ރައްޔިތުން މިއަދު ބޭނުންވޭ ކުރާ ކަންތައްތައް އެނގެން. މާދަމާ ވާނީ ކިހިނެއް ކަން ވެސް އެނގެން އެބަ ބޭނުންވޭ. އަޅުގަނޑުމެން ހެނދުނު ހޭލާއިރުގައި ސަޕްރައިޒް ވާކަށް ކޮންމެ ދުވަހަކު ބޭނުން ނުވޭ،" ސިޔާމް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވިގޮތުގައި، ސަރުކާރުން ހުށަހަޅާފައި ވަނީ ވިޔަފާރި އާއި ޓްރާންސްޕޭރެންސީ އާއި ޑިމޮކްރެސީއާ ވަރަށް ދުރު ވިސްނުމެއްގެ ބަޖެޓެކެވެ.
ސިޔާމް ވަނީ ރާއްޖޭގެ ބޭރު އެމްބަސީތައް ހިންގުމަށް ކުރިއަށް ވުރެ ބޮޑު އަދަދެއް ބަޖެޓުގައި ހިމަނާފައިވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ބޭރުގެ އެމްބަސީތައް ބޮޑު ހަރަދުކޮށްގެން ހިންގައިގެން އެއްވެސް ފައިދާއެއް ނުވާ ކަމަށާއި އެއީ އިސްރާފެއް ކަމަށެވެ. ދިވެހިންނަށް އެނގޭނެ ގޮތަކަށް ބަޖެޓު ފޮތް އިސްލާހުކުރަން ޖެހޭ ކަމަށް ވިދާޅުވެ، ސިޔާމް ވަނީ ބަޖެޓު އަނބުރާ ފޮނުވައިލަން ގޮވާލައްވައިފަ އެވެ.
ކޮމެންޓް