މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް
އެމްޑީޕީގެ ސިޔާސަތަކީ ރައްޔިތުންނަށް އޯގާތެރިކަމާއި ލޯތްބާއެކު ޚިދުމަތްކޮށްދިނުން ކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރު އާޒިމް މިހެން ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ އެމްޑީޕީއިން ބޭއްވި "ފުދިއްޖެ، ފުނޑިއްޖެ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ، "އެމްޑީޕީގެ ސިޔާސަތަކީ ރައްޔިތުންނަށް އޯގާތެރިކަމާއި ލޯތްބާއެކު ޚިދުމަތްކޮށްދިނުން. އެހެންވީމާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ތި ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ. ތިޔަ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ކަށަވަރުކޮށްދޭނެ، ތިޔަ ރައްޔިތުންނަށް ހަމަގައިމުވެސް އަޅުގަނޑުމެންގެ ސަރުކާރުގައި އުފާވެރިކަން އޮންނާނީ، އެއްވެސް ޝަކުވާއެއް ކުރުމުގެ ފުރުސަތެއް ނޯންނާނެ،" ކަމަށެވެ.
މުއިއްޒު ސަރުކާރުގެ ކަންކަން ގޯހުން ގޯހަށް ދާކަން ހާމަ ކުރައްވާ އާޒިމް ވިދާޅުވީ، އެކްސްޗޭންޖް ރޭޓް 20ށް އަރައިފި ކަމަށާއި، ސަރުކާރުގެ އެއްވެސް ރޭވުންތެރި ކަމެއް، ޕްލޭނެއް ނެތް ކަމަށެވެ.
ސަރުކާރުގެ ދޯދިޔާ ޚަރަދު ކުރުމުގެ ކަންކަން ފާހަގަ ކުރައްވަމުން އާޒިމް ވިދާޅުވީ، "އައިގޮތަށް އައިސް 35 މިލިއަން ޑޮލަރު ދީފަ ދޫނިތަކެއް (ޑްރޯންތަކެއް) ގަނެގެން މާލެއަކަށް ނުގެންނާނެ. ހަމަ ދޫނިތަކެއް. ވައިގަދަ ވެއްޖެޔާމުން އޮޔަށް..35 މިލިއަން ޑޮލަރު މިއީ ކުޑަ ލާރިކޮޅެއް ނޫން. މިއީ ކިތަށް މީހުންގެ މިއީ ކިތައް މީހުންގެ ބޯހިޔާވަހިކަންތޯ؟ މިއީ ގާތްގަނޑަކަށް 100 މީހުންގެ ބޯހިޔާވަހިކަމޭ މިއީ. އެވެސް ހަމަ އޮޔަށް. އެހުރީ އެއްޗެހިތައް ބަހައްޓާފަ.. ރާއްޖޭގެ ރައްޔިތަކަށް ނުފެންނާނެ އެދުއްވަނިކޮންނެއް. 35 މިލިއަން ޑޮލަރު ހަމަ ވަޔަށް ތަޅާލީ،" އާޒިމް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަން ނިމުނު އިރު ރިޒާވްގައި ހުރީ 572 މިލިއަން ޑޮލަރު ކަމަށާއި، ޔޫޒަބަލް ރިޒާވްގައި ހުރީ 162 މިލިއަން ޑޮލަރާއި، އެސްޑީއެފްގައި ހުރީ 1.9 ބިލިއަން ރުފިޔާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހު ވިދާޅުވީ 1 އަހަރު ފުރުނު އިރުގައި ތިބި ހާލާއިމެދު ވިސްނާލަންޖެހޭ ކަމަށެވެ. ދިވެހި ތާރީހުގައި މަސްވެރިން އެންމެ ހާލުގައި އުޅެންޖެހިފައިވާ ދުވަސްވަރަކީ މިއީ ކަމަށާއި، އަގުކުޑަކޮށް ފައިސާކޮޅު ނުދޭ ކަމަށެވެ. މަސްވެރި ސިނާއަތްކޮޅަށް ޖެހުމަށް ފެށި ހުރިހާ މަސައްކަތް މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
ކޮމެންޓް