ތެލެސީމިއާ ކުދިންނަކީ މުޖުތަމަޢުގެ އެއްބައި ކަމަށާއި އެއްވެސް ތަފާތެއް ނެތި ހުރިހާ ފުރުޞަތުތަކެއް އެކުދިންނަށް ވެސް ފަހިވެފައި އޮންނަންވާނެ: ނައިބު ރައީސް

ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް

ލޭ ހަދިޔާކުރުން އެއީ ކޮންމެ މީހެއްގެ ވެސް އުފަލަކަށް ހަދަންޖެހޭ ކަމަށް ވިދާޅުވި

ތެލެސީމިއާ ކުދިންނަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގެ އެއްބައި ކަމަށާއި އެހެން ކުދީންނެކޭ އެއްފަދައިން އެއްވެސް ތަފާތެއް ނެތި ހުރިހާ ފުރުޞަތުތަކެއް އެކުދިންނަށް ވެސް ފަހިވެފައި އޮންނަންވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ތެލެސީމިއާ ކުދިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކޮށް ޒަމާނާ އެއްގޮތަށް ޚިދުމަތްތައް ބައްޓަން ކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް އޮތް 10 އަހަރަށް އެކުލަވާލި ތެލެސީމިއާ މާސްޓަރ ޕްލޭން އިފުތިތާޙުކުރުމަށް މިރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ތެލެސީމިއާ ކުދިންނަށް ލޭ ހަދިޔާކުރުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލިއަޅުވާލެއްވިއެވެ. އެގޮތުން ލޭ ހަދިޔާކުރުން އެއީ ކޮންމެ މީހެއްގެ ވެސް އުފަލަކަށް ހަދަންޖެހޭ ކަމަށާއި އަޅުގަނޑުމެން ހަދިޔާކުރާ ލޭފޮދަކީ އެކުދިންގެ ދިރިހުރުމުގެ އުއްމީދުކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެ މަނިކުފާނު ވަނީ ތެލެސީމިއާ ކުދިންނަށް ބޭނުންވާ ސިއްޙީ ފަރުވާއަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ގޮވާލައްވާފައެވެ.

އިހުގައި ބައެއް އާއިލާތަކުން، ވާނުވާއެއް ނޭނގި ތުއްތު ކުދިން މަރުވާ މައްސަލަ ސައިންސްގެ އަލީގައި ދެނެގަނެވި، އެ ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ހޯދިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވިދާޅުވިއެވެ. އަދި ތެލެސީމިއާ ބަލި ވާރުތަކުރަނީ ދެ ކެރިއެރުންގެ ފުށުންކަން އެނގި ހާމަވެ، އެ ފުރުޞަތު ނައްތާލުމަށް، ކައިވެނިކުރުމުގެ ކުރިން ތެލެސީމިއާއަށް ޓެސްޓުކުރުމުގެ މުހިންމުކަމާއި، އެކަމަށް ހޭލުންތެރިކުރުމަށް ރާއްޖޭގައި މަސައްކަތްކުރާތާ ގިނަ އަހަރުތަކެއް ވެއްޖެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި އެ މަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވާ އެއްކަމަކީ ތެލެސީމިއާ ބަލި ތަޙައްމަލުކުރާ ކުދިންނަށް ބޭނުންވާ ފަރުވާއާއި އެހީތެރިކަން ހޯއްދަވައިދެއްވުން ކަމުގައި ވިދާޅުވެ ތެލެސީމިއާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. އެގޮތުން ތެލެސީމިއާ ބަލި ތަހައްމަލުކުރާ ކުދިންނަށް ސަރުކާރުގެ ޚަރަދުގައި ބޯންމެރޯގެ ފަރުވާ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތް ފައްޓަވާފައިވާ ކަމަށާއި އަދި ސަރުކާރުގެ އަމާޒަކީ އިތުރު ކުދިންނަށް ފުރުސަތު ހޯދައިދިނުން ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް ރާއްޖޭގެ ރަށްރަށުން ލިބޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާކަމަށާއި ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް ދައްކަވަމުން ގެންދެވި އެންމެ މުހިންމު އެއް ވާހަކައަކީ އޭރުގައި އޮތް ސަރުކާރުން ސިއްހީ ނިޒާމަށް ވަމުންއައި އިހުމާލުގެ ވާހަކަ ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ޙަވާލުވެވަޑައިގެން، މި ނިޒާމުގައި ހުރި ދަތިތަކާއެކުވެސް، ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވައިގެން ބޮޑެތި ކުރިއެރުންތަކެއް ހޯދުމަށް މަސައްކަތްޕުޅު ފައްޓަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ރާއްޖޭގެ ރަށްތައް ބެހިފައި އޮތްގޮތުންނާއި، ދަތުރުފަތުރު ހަމަޖެހިފައިވާގޮތުން ވަރަށް ދަތި އުނދަގުލުގައި، ބަލިތައް ދެނެގަތުމަށް ދަތުރުކޮށްފައި ދުރު ރަށްތަކަށް ދާންޖެހޭ ކަމަށާއި އެހެންކަމުން، ކަމެއް ދިމާވިޔަސް، މާލީ ޙާލަތު ތަންދޭގޮތުންވިޔަސް ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ވަރަށް ދަތި އުނދަގޫ ތަޙަންމަލުކުރަން ޖެހޭ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މިކަމަށް ނިމުމެއް ގެނައުމަށްޓަކައި ތަހުލީލު ކުރުމަށް އަމިއްލަ ރަށުގައި، އަމިއްލަ ފަސްގަނޑުގައި ތިބެގެން އެ ލުއިފަސޭހަ ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަވަމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ތެލެސީމިއާ ހޮސްޕިޓަލް އެޅުމަށް، ކޮންޓްރެކްޓަރުންނާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކުރެވިފައެވެ.

ތެލެސީމިއާ ބަލި ކޮންޓްރޯލް ކުރުމަށް އެކުލަވާލި 10 އަހަރުގެ މާސްޓަރ ޕްލޭންގައި މައިގަނޑު 7 ސިޔާސަތު އެކުލެވިގެންވެއެވެ. އޭގެތެރޭގައި ޚިދުމަތުގެ ފެންވަރު މަތިކުރުމާ ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމާއި، ތެލަސީމިއާއަށް ހޭލުންތެރިކަން އިތުރުކުރުމާއި، ވަށާޖެހޭ ސިޔާސަތުގެ ތެރެއިން ތެލަސީމިއާއަށް ރައްކާތެރިވުމަށް މަސައްކަތްކުރުމާއި، ޒަމާނާއި އެއްގޮތަށް ޚިދުމަތް ބައްޓަންކޮށް، ދެވޭ ޚިދުމަތުގެ ފެންވަރާ، ފަންވަރު ހިފެހެއްޓުމާއި، އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމާއި، ހިއުމަން ކެޕިޓަލް ޑިވެލޮޕްމެންޓް ހަރުދަނާކޮށް ވަރުގަދަކުރުމުގެ އިތުރުން ޚިދުމަތް ދިނުމުގައި ޓެކްނޮލޮޖީގެ އައު އީޖާދުތައް ތަޢާރަފްކޮށް ޚިދުމަތުގެ ފެންވަރު ހިފެހެއްޓުން ހިމެނެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.