ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގެ ބައްދަލުވުމުގައި ވިލާ ގްރޫޕުގެ ޗެއާމަން ގާސިމް އިބްރާހިމް
ސަރުކާރުތަކުން "ގޯނާ" ކުރާ ނަމަ، ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރުމަށް ދަތިތަކެއް ހުންނާނެ ކަމަށް އެ އެއާޕޯޓު ހިންގަމުން އަންނަ ވިލާ ގްރޫޕުގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކާޑެއްދޫ އެއާޕޯޓަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލި ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހީމްގެ ވިލާ އެއާ ކުންފުންޏަށް 50 އަހަރަށް ދީފައިވާ އެއާޕޯޓެކެވެ. ނަމަވެސް 2017 ވަނަ އަހަރު އެ މިނިސްޓްރީން ވަނީ އެއްބަސްވުމާ އެއްގޮތަށް ކާޑެއްދޫ އެއާޕޯޓް ވިލާ އެއާއަށް ތަރައްގީ ނުކުރެވޭތީ އެއްބަސްވުން ބާތިލުކޮށްފައެވެ.
ނަމަވެސް ސުޕްރީމް ކޯޓުން 2021 ވަނަ އަހަރު ނިންމީ، އެއްބަސްވުން ބާތިލުކޮށްފައިވަނީ ގާނޫނާހިލާފަށް ކަމަށެވެ. އަދި ވިލާ އެއާއަށް ގެއްލުމުގެ ބަދަލު ދައުލަތުން ދޭން ޖެހޭނެ ކަމަށްވެސް ހުކުމްކޮށްފައިވެއެވެ. އެ ހުކުމާ އެއްގޮތަށް އަމަލުކޮށް، ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކާޑެއްދޫ އެއާޕޯޓު ވިލާ އެއާއާ ހަވާލުކޮށްފައެވެ.
ކާޑެއްދޫ އެއާޕޯޓު ތަރައްގީކުރުމުގައި ލަސްތަކެއް އުޅޭ ކަމަށްބުނެ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައެއް އިގުތިސާދީ ކޮމިޓީން މިހާރު ދަނީ ބަލަމުންނެވެ. އެ މައްސަލައިގައި ސިވިލް އޭވިއޭޝަން އޮތޯރިޓީން މަޖިލީހަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ވިލާ އެއާ އިން މިދިޔަ ތިން އަހަރު ވެސް އިންސްޕެކްޝަން ހެދި، އެއްވެސް މައްސަލައެއް ނެތް ކަމަށާއި ކޮންޓްރެކްޓާ ހިލާފަށް އެއްވެސް ކަމެއް ކުރާކަން ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިލާގެ ޗެއާމަން ގާސިމް ވިދާޅުވީ އަދިވެސް މަގުސަދަކީ ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރުން ކަމަށާއި ކާޑެއްދޫ ހިއްކައިގެން ވިޔަސް، އެންމެ ކުޑަވެގެން ވެސް 2000 ނުވަތަ 2400 މީޓަރު ދިގުމިނަށް ރަންވޭ ހަދަން ވިސްނާފައިވާ ކަމަށެވެ.
"އެހެންނަމަވެސް ސަރުކާރުން އިރުއިރުކޮޅުން އަޅުގަނޑުމެންގެ އަތުން އަތުލާފައި، އިރުއިރުކޮޅުން ގޯނާކުރަންޏާ ކިހިނެއްތޯ އެކަން ކުރާނީ. ކުރިން ވެސް އެކަން ނުކުރެވުނީ އެހެންވެ. ކުރިން ވެސް އިންވެސްޓަރުން އައިސް ހުރިހާ ކަމެއް ނިންމާފައި އޮއްވައި ސަރުކާރުން އަތުލީ. ސިފައިން އަރާފައި އަޅުގަނޑުމެން ބޭލުވީ. އެހެންވީމާ އަޅުގަނޑުމެން ފައިބައިގެން އައީ، އެއްވެސް އެއްޗެއް ނުގެންދަން، އެކަމަކު އޭގެ ބަދަލެއް ވެސް އަޅުގަނޑުމެންނަކަށް ނުލިބޭ،" އޭނާ ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމި ހުކުމުގައި ބަދަލު ހޯދުމަށް ދައުވާކުރުމުގެ ފުރުސަތު އޮތް ނަމަވެސް، ބޭނުންވީ އަނެއްކާވެސް އެއާޕޯޓާ ހަވާލުވެގެން ކުރިއަށްދިއުމަށް ކަމަށެވެ. އަދި ސަރުކާރުން ބޭނުންވާ ނަމަ، ގެއްލުމެއް ނުވާ ގޮތަށް ކާޑެއްދޫ އެއާޕޯޓު ދޫކޮށްލަން ތައްޔާރު ކަމަށް ވެސް ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާ ވެސް އަޅުގަނޑު ކައިރި ވިދާޅުވި އެތަން އިންޓަނޭޝަނަލް އެއާޕޯޓަކަށް ހައްދައިދެއްވުމުގައި މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާ ކަމަށް، ދެ ފަހަރެއްގެ މަތިން. އަޅުގަނޑު ދެންނެވިން އެކަމަށް މަސައްކަތްކުރާ ގޮތަށޭ މިތިބީ. އެކަން ކުރާނަމޭ އެއްވެސް ޝައްކެއް ނެތި. އެއީ ތަންކޮޅެއް ކުރިން. އެ ވިސްނުމުގައި އަޅުގަނޑުމެން މިތިބީ،" އޭނާ ވިދާޅުވިއެވެ.
ކޮމެންޓް