ސައިބަރ ސެކިއުރިޓީ އެވެއަރނެސް މަންތް
ސައިބަރ ކްރައިމް މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިކުރުވުމަށް މަސައްކަތްކުރާނެ ގޮތާއި، މިފަދަ ކުށްތައް ކުރާ މީހުން ބޭނުންކުރާ އެންމެ ފަހުގެ އުކުޅުތަކުގެ މައުލޫމާތު ވީޑިއޯ އަދި ޕޯސްޓުތައް މެދުވެރިކޮށް ހިއްސާކުރާނެ
ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ކްރައިމް ސެންޓަރުގެ މީސްމީޑިއާ މަންސަތައް ތައާރަފުކޮށްފިއެވެ.
ސައިބަރ ކްރައިމް ސެންޓަރުން ތައާރަފުކޮށްފައިވަނީ ޔޫޓީއުބް ޗެނަލް، ޓިކްޓޮކް، ފޭސްބުކް އަދި އިންސްޓަގްރާމެވެ.
ސައިބަރ ކްރައިމް ސެންޓަރުގެ މީސްމީޑިއާ މަންސަތައް މެދުވެރިކޮށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ތަފާތު މައުލޫމާތު ހިއްސާކުރާނެއެވެ. އެގޮތުން، ސައިބަރ ކްރައިމް މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިކުރުވުމަށް މަސައްކަތްކުރާނެ ގޮތާއި، މިފަދަ ކުށްތައް ކުރާ މީހުން ބޭނުންކުރާ އެންމެ ފަހުގެ އުކުޅުތަކުގެ މައުލޫމާތު ވީޑިއޯ އަދި ޕޯސްޓުތައް މެދުވެރިކޮށް ހިއްސާކުރާނެއެވެ.
އޮކްޓޫބަރު މަހަކީ އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ބައިނަލްއަގުވާމީ މަހުގެ ގޮތުގައި ފާހަގަކުރާ މަހެވެ.
ސައިބަރ ކްރައިމް ސެންޓަރުގެ މީސްމީޑިއާ މަންސަތައް ތައާރަފުކޮށްފަވާއިރު ސައިބަރ ކްރައިމްއާ ގުޅޭ ތިން ބިލެއް ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ހުށަހަޅާފައެވެ.
އޭގެ ތެރޭގައި ގާނޫނުލް އުގޫބާތަށް ގެންނަ ބަދަލުތަކެއްގެ ތެރެއަށް ސައިބަރ ކްރައިމް މައްސަލަތައް އިތުރުކޮށް އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަދަލުތައް ގެނައުމަށް ވެސް ހުށަހަޅާފައިވެއެވެ.
މީގެއިތުރުން ސާވިސް ޕްރޮވައިޑަރުންގެ ފަރާތުން މައުލޫމާތުހޯދުމާއި، ރާއްޖެއިން ބޭރުން މައުލޫމާތު ހޯދުމާއި، އެވިޑެންސް ކަލެކްޓުކުރުން އަދި މިކަހަލަ އެތައް ކަމެއްގައި ފުލުހުންނަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުން ބިލުގައި ހިމަނާފައިވެއެވެ.
ކޮމެންޓް