އިންޑިއާއަކީ ދެގޮތެއް ނުވެ އޮންނަ ރާއްޖޭގެ ބައިވެރިއެއް: ރައީސް ޑރ. މުޢިއްޒު

ރައީސް ޑރ. މުޢިއްޒުގެ ދެކަނބަލުން އަދި އިންޑިއާގެ ރައީށް ދުރޫޕަދީ މުރުމޫ

ދެޤައުމުގެ ގުޅުން ބިނާވެފައިވަނީ ދެގައުމުގެ ތާރީޚާއި ދެޤައުމުން ގަބޫލުކުރާ ހަމަތަކާއި ހިއްސާކުރާ އާދަކާދަތަކުގެ މައްޗަށްކަން ފާހަގަކުރެއްވި

އިންޑިއާއަކީ ދެގޮތެއް ނުވެ އޮންނަ، ރާއްޖޭގެ ބައިވެރިއެއްކަން އެޤައުމުން އަބަދުވެސް ސާބިތުކޮށްދެމުން އަންނަކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދެއްވި ރޭގަނޑުގެ ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. މިޖާފަތް ބާއްވަވާފައި ވަނީ އެމަނިކުފާނު މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ހޯމަދުވަހުގެ ރޭ ނިއުދިއްލީގައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ އެތައްއަހަރަކަށް ދެމިގެންގޮސްފައިވާ ދެޤައުމުގެ ގުޅުން ބިނާވެފައިވަނީ ދެގައުމުގެ ތާރީޚާއި ދެޤައުމުން ގަބޫލުކުރާ ހަމަތަކާއި ހިއްސާކުރާ އާދަކާދަތަކުގެ މައްޗަށްކަން ފާހަގަކުރައްވާފައެވެ. އަދި ދެޤައުމުގެ ދެމެދުގައި ސިޔާސީގުޅުން ގާއިމުކުރިތާ ފަސްފޮޅަހައްވުރެ ގިނަ އަހަރުވެފައިވާއިރު އަދިވެސް އެގުޅުން އިތުރަށް ބަދަހިވެ ކުރިއަރައިގެންދިއުމަށް އުންމީދުކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަވަށްޓެރި ޤައުމުތަކާއެކު ގުޅުންބަދަހި ކުރެއްވުމުގައި، އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމުކުރުމާއެކު، ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދު ތަކުރާރު ކުރެއްވިއެވެ. އަދި ދެޤައުމުން އެއްބަސްވާ އަދި ދެޤައުމަށްވެސް ފައިދާހުރި ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމުގެ ޝައުގުވެރިކަން އެމަނިކުފާނު ފާޅުކުރައްވާފައިވެއެވެ.

މި ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އިތުރުން، ދެ ޤައުމުގެ މަތީފެންވަރުގެ ވަފުދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.