ފަތުރުވެރިކަމުގެ ދާއިރާ ވިޔަފާރިތަކުން ބޭންކްތަކަށް ޑޮލަރު މާރު ކުރަން ޖެހޭ ގޮތް ހަދައިފި

އެމްއެމްއޭ

މިއީ އެމްއެމްއޭ އިން މިފަދަ ގޮތަކަށް ބޭންކްތަކުން ޑޮލަރު ގަންނަން ކަނޑައެޅި ފުރަތަމަ ފަހަރު

ޓޫރިޒަމް ދާއިރާ އަށް ބޭރު ފައިސާ އިން ލިބޭ އާމްދަނީން އަހަރަކު ޖުމްލަ 750 މިލިއަން ޑޮލަރާ ހަމައަށް ރާއްޖޭގެ ބޭންކުތަކުން މާރުކުރަން ޖެހޭ ގޮތަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ބޭރު ފައިސާއާ ބެހޭ ގަވައިދަށް އަމަލުކުރަން ފަށައިފި އެވެ.

މިއަދު ގެޒެޓުކޮށްފައިވާ މި ގަވާއިދުގައި ވާގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަދި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގައި ރަޖިސްޓަރީ ކޮށްފައިވާ ހުރިހާ ފަރާތްތަކުން، އަލުން ރަޖިސްޓްރީ ކުރުމަށް ވަނީ 30 ދުވަސް ދީފައެވެ. އަދި އަލަށް މީރާގައި ރަޖިސްޓަރީވާ ފަރާތްތަކުން އެމްއެމްއޭގައި ރަޖިސްޓްރީ ކުރުމަށް 30 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

ގަވާއިދުގައި ބުނެފައި ވަނީ، ކެޓެގަރީ އޭގައި ހިމެނޭ ޓޫރިސްޓް ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި،ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، އެނޫންވެސް އެފަދަތަންތަނުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރު ކުރަން ވާނެ ކަމަށެވެ.

އަދި ކެޓެގަރީ ބީގައި ހިމެނޭ ޓޫރިސްޓް ގެސްޓްހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާހޮޓާތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރު ކުރަން ވާނެ ކަމަށް ބުނެފައި ވެއެވެ.

އެމްއެމްއޭ އިން ބުނީ، ބޭންކުތަކަށް މާރުކުރާ ފައިސާގެ ތެރެއިން ކޮންމެ ހަފުތާއަކު ލިބޭ ބޭރު ފައިސާގެ 60 ޕަސެންޓު އެ ހަފުތާއެއްގެ ބުދަ ދުވަހުގެ ކުރިން އެ އޮތޯރިޓީ އަށް ވިއްކަން ޖެހޭނެ ކަމަށެވެ. މިއީ އެމްއެމްއޭ އިން މިފަދަ ގޮތަކަށް ބޭންކްތަކުން ޑޮލަރު ގަންނަން ކަނޑައެޅި ފުރަތަމަ ފަހަރެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.