އެއްބަސްވުމުގައި ސޮއިކުރުމަށްފަހު
ސައުދީ ސަރުކާރުން ރާއްޖެއާއި ބަހައްޓާ ގާތްގުޅުމަށް ޝުކުރުއަދާކުރެއްވި
ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާ ދެމެދު ވިޔަފާރި ގުޅުން ބަދަހި ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިޤްތިސާދީ ވަޒީރު މުޙައްމަދު ސަޢީދު ސައުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ.
އިޤްތިސާދީ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނާގޮތުގައި މި އެއްބަސްވުމުގައި ސޮއިކުރުމުން ދެ ޤައުމުގައި އިންވެސްޓް ކުރުމުގެ ފުރުސަތު އިތުރަށް މަގުފަހިވެ، ވިޔަފާރިކުރުމަށްވެސް މަގުފަހިވެގެންދާނެއެވެ. އަދި ދެ ޤައުމަށްވެސް އިޤްތިސާދީ ގޮތުން ފައިދާވެގެން ދާނެކަމަށްވެސް އެ ނޫސްބަޔާނުގައިވެއެވެ.
ސައުދީ އަރަބިއްޔާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ވިޔަފާރިއާބެހޭ ވަޒީރު ޑރ. މާޖެދް ބިން އަބްދުﷲ އަލްކައްސާބީއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވަޒީރު ސަޢީދު ވަނީ ސައުދީ އަރަބިއްޔާގެ ވިޔަފާރިއާއިބެހޭ ވަޒީރު އަދި ސައުދީ ސަރުކާރުން ރާއްޖެއާއި ބަހައްޓާ ގާތްގުޅުމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި މި އެއްބަސްވުމާއެކު އެ ގުޅުން އިތުރަށް ހަރުދަނާވާނެކަމަށްވެސް ވިދާޅުވިއެވެ.
ކޮމެންޓް