އައްބާސް ޝަރީފް
ޕީޖީކަމަށް އައްޔަންވެއްޖެނަމަ ހައްލު ނުލިބި ހުރި ކަންކަމަށް ޚާއްސަ އުސޫލުތައް ލިޔެ، އާންމުކޮށް ތަންފީޒުކުރައްވާނެ ކަމަށް ވިދާޅުވި
ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމަށް މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އައްބާސް ޝަރީފް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ދައުރުން ބޭރުން ބޭއްވި 3 ވަނަ ޖަލްސާގައި ހާޒިރުވެތިއްބެވި 86 މެންބަރުންގެ ތެރެއިން 85 މެންބަރުން ވަނީ ޕީޖީއަކަށް އައްބާސް އައްޔަން ކުރުމަށް ތާއީދުކޮށް ވޯޓުދީފައެވެ.
ޕީޖީގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ހަ މީހަކު ކުރިމަތިލި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވީ އައްބާސްގެ ނަން އެކަންޏެވެ. އެހެންވެ އައްބާސްއާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމަށް މަޖިލީހުން މިއަދުގެ މެންދުރުފަހުގެ ނިޔަލަށް ފުރުސަަތު ހުޅުވާލިއެވެ. ޖުޑިޝަރީ ކޮމިޓީން އައްބާސްގެ ނަން ދިރާސާކޮށް ނިންމި އިރު، އޭނާއާ އިންޓަވިއު ވެސް ކުރިއެވެ. ކޮމިޓީގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އައްބާސް ވިދާޅުވީ ޕީޖީގެ މަގާމަށް ހުޅުވާލުމުން އެކަމަށް ޝައުގުވެރިވާތީ ކުށުގެ ރެކޯޑް ސާފު ކުރަން ހުށަހެޅި ހިސާބުން އެކަން މީޑިއާއަށް އެނގުނު ކަމަށެވެ. އޭގެ ކުރިން އެ މަގާމަށް ޝައުގުވެރިވާކަން އެއްވެސް ބޭފުޅަކަށް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ.
ޕީޖީކަމަށް ކުރިމަތިލެއްވީ ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރެއްވުމުގެ ނިޔަތުގައި ކަމަށެވެ. އަދި، މަސައްކަތްކުރައްވާނީ ނަޒާހަތްތެރިކަމާ އެކު ކަމަށް އައްބާސް ކޮމިޓީގައި ވިދާޅުވިއެވެ. އަދި އޭނާ ޕީޖީކަމަށް އައްޔަންވެއްޖެނަމަ ހައްލު ނުލިބި ހުރި ކަންކަމަށް ޚާއްސަ އުސޫލުތައް ލިޔެ، އާންމުކޮށް ތަންފީޒުކުރައްވާނެ ކަމަށެވެ. އަދި، ހާމަކަން ބޮޑުކޮށް، އެއްވެސް މީހެއްގެ "މޫނަށް ނުބަލާނެ" ކަމަށް ވިދާޅުވިއެވެ.
ޕީޖީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް މިދިޔަ މަހުގެ 22 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ އޭނާއާ ގުޅޭގޮތުން މަޖިލީހަށް ހުށަހެޅި މައްސަލަތަކާ ގުޅިގެން އޭނާ ވަކި ކުރަން ޖުޑިޝަރީ ކޮމެޓީން ނިންމުމުންނެވެ.
ކޮމެންޓް