ގާ ހުދުވުމުގެ އަސަރުތައް ކުޑަކުރުމަށް އީޕީއޭ އިން ވަނީ ބިން ހިއްކުމުގެ ހުރިހާ މަޝްރޫއެއް މިވަގުތަށް ހުއްޓާލުމަށް އަންގާފައި
ގާ ހުދުވުމުގެ އަސަރުތައް ކުޑަކުރުމަށް އީޕީއޭ އިން ވަނީ ބިން ހިއްކުމުގެ ހުރިހާ މަޝްރޫއެއް މިވަގުތަށް ހުއްޓާލުމަށް އަންގާފައި
ކަނޑުގެ ފިނިހޫނުމިން މަތިވެ، ރާއްޖޭގެ ފަރުތަކުން ގާ ހުދުވުމުގެ މައްސަލަ ކުރިމަތިވާތީ، އެކަމުގެ އަސަރު ކުޑަކުރަން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތަކަށް ފަރުތުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން އެއްބާރުލުން ދޭން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން ގޮވާލައިފި އެވެ.
ރާއްޖޭގެ ކަނޑުތަކުގެ ފިނިހޫނުމިން ވަރަށް ބޮޑަށް މައްޗަށް ގޮސް، މިދިޔަ މަހުން ފެށިގެން ފަރުތަކުން މުރަކަތައް ދަނީ މަރުވަމުންނެވެ. އެންމެ ފަހުގެ މައުލޫމާތަށް ބަލާ އިރު، މި ވަގުތު ރާއްޖެ އޮތީ 'އެލާޓް ލެވެލް -1' އެވެ.
މި މަހުގެ ކުރީކޮޅުން ފެށިގެން އަންނަ މަހުގެ ކުރީކޮޅާ ހަމައަށް ވަރަށް ބޮޑަށް ގާހުދުވާނެތީ، އީޕީއޭ އިން ވަނީ އެކަމުގެ އަސަރު ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން ނިންމައިފަ އެވެ. އެ ފިޔަވަޅުތަކަކީ:
ބިން ހިއްކުމުގެ ހުރިހާ މަޝްރޫއުތަކެއް މިވަގުތަށް ހުއްޓާލުން
ބަރު މެޝިންތައް ބޭނުންކޮށްގެން ކުރާ މަސައްކަތްތައް ކަމަށްވާ، ފަޅު ހިއްކުމާއި ގޮނޑުދޮށް ތަރައްގީ ކުރުމާއި ބަންޑުވޯލް ޖެހުމާއި ވެލި ޕަމްޕު ކުރުމާއި ފަރުމަތީގައި ޕައިޕްލައިން އެޅުމާއި ކޭބަލް އެޅުން ހުއްޓާލުން
މިހާރު ހިނގަމުންދާ މިފަދަ މަޝްރޫއުތަކާއި އީއައިއޭ ހެދުން، ޖޫން 10ގެ ފަހަށް މަޑުޖައްސާލުމަށް ތާވަލު ކުރުން
ގާ ހުދުވާ މައްސަލައާ ގުޅިގެން މަޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ އީޕީއޭގެ ފިޔަވަޅުތަކަށް މަރުހަބާ ކިޔައި، އެ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ތާއީދު ކުރާ ކަމަށް ބުނެފަ އެވެ.
އަދި ފަރުތުވެރިކަމުގެ ސިނާއަތުގެ ހުރިހާ ހިއްސާދާރުން ވެސް އެ ފިޔަވަޅުތައް ތަންފީޒުކުރުމުގައި އެއްބާރުލުން ދޭން މަޓީން ގޮވާލި އެވެ. އެ ޖަމިއްޔާ އިން ފާހަގަކުރި ގޮތުގައި:
މިހާރު ފެންނަމުންދާ ގާ ހުދުވުމުގެ 'މާސް ކޮރަލް ބްލީޗިން އިވެންޓް' އަކީ މާހިރުން ބުނާ ގޮތުގައި މިހާތަނަށް ރިކޯޑް ކުރެވިފައިވާ އެންމެ ސީރިއަސް އިވެންޓް
ނަމަވެސް އީޕީއޭ އިން އަޅަން އަންގާފައިވާ ފިޔަވަޅުތައް ރަނގަޅަށް އަޅައިފި ނަމަ ގާހުދުވުމުގެ އަސަރު ކުޑަކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް
މުރަކައިގެ ޓިޝޫތަކުގައި ދިރިއުޅޭ އަލްގީ، ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިން މާ ބޮޑަށް މަތިވުމުން، މުރަކައިން ބޭރުކޮށްލަ އެވެ. މުރަކައަށް އޭގެ ގަދަ ކުލަތައް ލިބެނީ މި އަލްގީގެ ސަބަބުން ކަމަށް ވުމުން، އަލްގީތައް ބޭރުވުމާ އެކު މުރަކައިގެ ކުލަ ގެއްލި، ހުދުވެ އެވެ. މިއީ 'ކޮރަލް ބްލީޗިން' ނުވަތަ ގާ ހުދުވުމެވެ.
ގާ ހުދުވުމުން މުރަކަ ވަގުތުން މަރެއް ނުވާނެ އެވެ. ފިނިހޫނުމިން ރަނގަޅު މިންވަރަކަށް ތިރިވެއްޖެ ނަމަ، މުރަކައިގެ ޓިޝޫތަކަށް އަލްގީ ވަދެ، މުރަކަތައް ސަލާމަތްވާނެ އެވެ.
މުރަކަތައް މަރުނުވެ ސަލާމަތްވާ ނިސްބަތް މަތިކުރަން މުރަކަތަކަށް ގެއްލުން ލިބޭ އެހެނިހެން ކަންކަން ވީހާ ވެސް މަދުކުރުން މުހިއްމެވެ.
ކޮމެންޓް