ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
މިއަހަރަކީ ޢަމަލީ މަސައްކަތުގެ އަހަރުކަމަށާއި، ކުރިއަށް އޮތީ ނަތީޖާ ނެރެދިނުމުގެ ޤައުމީ މޫސުމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިފަދައިން ރައީސް ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގައެވެ.
ރިޔާސީ ބަޔާނުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، "އަޅުގަނޑުގެ ޢަޒުމަކީ ތެދުވެރިކަމާއި، އިޚްލާސްތެރިކަން އަބަދުވެސް ކުރިއަށް ނެރުން. ނަފްސުގެ މައްޗަށް އިތުބާރުކޮށް، ހިތްވަރާއި ނުގުޑާފަދަ ޢަޒުމެއްގައި މަސައްކަތްކުރުން. މާތްﷲ އިރާދަކުރެއްވިއްޔާ މިއަހަރަކީ ޢަމަލީ މަސައްކަތުގެ އަހަރު. ކުރިއަށް އޮތީ ނަތީޖާ ނެރެދިނުމުގެ ޤައުމީ މޫސުމެއް" ކަމަށެވެ.
މިއަހަރަކީ ރާއްޖެއަށް ޢުމްރާނީގޮތުން ތަރައްޤީގެ އިންޤިލާބީ އަހަރަކަށްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ކުރިންވެސް ވަނީ ވިދާޅުވެފައެވެ. މިގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ އިޖުތިމާޢީ އެންމެ ބޮޑު މައްސަލަކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ވަނީ ބޮޑެތި މަޝްރޫޢުތަކެއް ރާވާފައެވެ.
މި އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް 2.8 ބިލިއަން ރުފިޔާ ކަނޑައަޅުއްވާފައިވާއިރު، މީގެތެރެއިން 1.8 ބިލިއަން ރުފިޔާ ވަނީ ހަމައެކަނި ޢުމްރާނީ ތަރައްޤީއަށް ކަނޑައަޅުއްވާފައެވެ. އަދި މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި މުޅި ރާއްޖެއަށް އަމާޒުކޮށް ބޯހިޔާވަހިކަމުގެ އެތައް މަޝްރޫޢުތަކެއް ވަނީ ޢިއުލާންކުރައްވާފައެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ އެންމެ ބޮޑަށް ދިމާވެފައިވާ 57 ރަށެއްގައި މި މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށްޓަކައި ކޮންޓްރެކްޓަރުން ހޯދުމަށް މިހާރުވަނީ އިޢުލާންކުރެވިފައެވެ.
ކޮމެންޓް