މަސްވެރިން ދަފުތަރު ކުރުމުގެ މަސައްކަތް ކުރުމަށް މަސްވެރިކަމާއި ބެހޭ ވުޒާރާގެ ޓީމްތަށް އަތޮޅުތަކަށް!

ދަތުރު ކުރައްވާ ޓީމްތަކާއެކު ވަޒީރު ޝިޔާމް

މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެދުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މަސްވެރިން ދަފުތަރު ކުރުމުގެ މަސައްކަތް އަވަސް ކުރުމަށްޓަކައި ވުޒާރާގެ ޓީމުތައް އަތޮޅުތަކަށް ފޮނުވަން ފަށައިފިއެވެ.

މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެކަށައަޅުއްވާފައިވާ، މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެދުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

މި ހަފުތާގައި ވުޒާރާގެ ޓީމުތައް ޅ. ދ. ލ. ގއ. ގދ. އަދި ސ. އަތޮޅުގައި ހަރަކާތްތެރިވާނެއެވެ. ޚާއްޞަކޮށް މަސްކިރާ ސަރަހައްދުތަކުގައި ކުރިއަށް އޮތް ދުވަސްތަކުގައި ވުޒާރާގެ ޓީމުތައް މަސައްކަތް ކުރަމުންދާނެއެވެ. އޭގެ ބޭނުމަކީ ވީހާވެސް ގިނަ މަސްވެރިންނާއި ބައްދަލުކޮށް ކެޔޮޅު އެޕްލިކޭޝަނާއި ދަފުތަރާއި ގުޅޭ މައުލޫމާތު ފޯރުކޮށް ދިނުމެވެ.

މަސްވެރިން ދަފުތަރު ކުރަނީ އެންޑްރޮއިޑް އަދި އައިއޯއެސް ފޯނުތަކުގައި ބޭނުންކުރެވޭ 'ކެޔޮޅު' އެޕްލިކޭޝަނުންނެވެ.

މަސްވެރިން ދަފުތަރު ކުރުމަށް ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން މަސްވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

ދަފުތަރު ކުރުމުގެ މަސައްކަތް އަވަސްކުރުމަށް ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން ވުޒާރާގެ ޓީމުތައް މަސައްކަތް ކުރަމުންދެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވުޒާރާގެ ޓީމުތައް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދަފުތަރުގެ މަސައްކަތްތަކަށް ބަލާއިރު ށ. ރ. ގއ. ގދ. އަދި ޏ. އަތޮޅުގައި މަސްވެރިކަން ކުރާ %50 އަށްވުރެ ގިނަ މަސްދޯނި، މަސްވެރިންގެ ދަފުތަރުގައި ވަނީ ރަޖިސްޓަރީ ކުރެވިފައެވެ. ވުޒާރާގެ އަމާޒަކީ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން މަސްވެރިކަމުގެ ލައިސަންސް ނަގާފައިވާ ހުރިހާ ދޯންޏަކާއި އެ ދޯނިތަކުގެ ފަޅުވެރިން ދަފުތަރުކޮށް ނިންމުމެވެ.

ދަފުތަރު ކުރެވިފައިވާ މަސްދޯނިތަކާއި ފަޅުވެރިންގެ އަދަދު ފަހުން ހާމަކުރާނެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.